30 Apr 2015, 15:01
އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަމުން ދިޔައިރުވެސް މަޖިލިސް "ދަތި ހާލުގައި" ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް މި ދައުރުގައި ކޮށްދެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމަވައިލައްވަމުން މަސީހު ވިދާޅުވީ، މި ދައުރުގައި "ފަހުރުވެރިވާ ވަރަށް" މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކިތަންމެ ހާލުގައި މަޖިލިސް ކުރިއަށް ގެންދަން ޖެހުނު ކަމުގައި ވިއަސް ރައްޔިތުންގެ މަޖިލީހުން ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިހު ޒަމާނުގައި ގިނަ ދުވަސް ދުވަހު ކަނޑު ގަދަވެއްޖެ ނަމަ މަހަކަށް ނުފުރޭ. އަދި މަހަކަށް ނުވެސް ފުރާނެ. ނަމަވެސް މި ޒަމާނުގައި ގަދަ ދުވަސް ދުވަހު ވެސް މަހަށް ފުރޭ. އަދި މަހަށް ފުރާނެ. އަދި މަހަށް ފުރާއިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅައިގެން މަހަށް ފުރަނީ. އަދި ލައިފު ޖެކެޓު އަޅަން ޖެހޭ ވަގުތު ލައިފު ޖެކެޓު ވެސް އަޅާ. ބަރުލަމާނީ އޮޑި މަހަށް ފުރަންޖެހޭ ދުވަސް ދުވަހު މަހަށް ފުރި ކޮންމެ ދުވަހަކުވެސް ހައްސަ ބާނައިގެން ލަފާފައި ވަނީ،" މަސީހު ވިދާޅުވި އެވެ.
މަސީހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާއިން ފެށިގެން އިދިކޮޅު ފަރާތްތަކުން މަޖިލިސް ކުރާ މާލަމުގައި އިހުތިޖާޖު ކުރަމުން ގެންގޮސްފައިވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި ތިން ބިލެއް ވަނީ ފާސްކޮށްފައެވެ. އެއީ ދިވެހިރާއްޖޭގައި އަލަށް ގާއިމް ކުރުމަށް ނިންމި އިސްލާމިކް ޔުނިވާސިޓީގެ ބިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި ޕަބްލިކް ސާވިސް މީޑިއާ އުފެއްދުމަށް ހުށަހެޅި ބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ފާސްކުރި ސިއްހީ ހިިދުމަތްތެރިންގެ ބިލެވެ.
ހަމައެއާކު ހަ ގާނޫނަކަށް އިސްލާހު ގެނެސް އެ އިސްލާހުތައް ވެސް މިދައުރުގެ ޖަލްސާތަކުގައި ވަނީ ފާސްކޮށްފައެވެ.