ގައުމެއްގެ ވެރިއަކާ ދެކޮޅަށް އެ ގައުމެއްގެ ރައްޔިތުން ނުކުމެއްޖެ ނަމަ އެކަން "މައިތިރި ކުރެވެން އޮތް ގޮތަކަށް މައިތިރި ކުރަން ޖެހޭނެ" ކަމަށް ދީނީ އިލްމުވެރިންތަކެއް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި އިއްޔެ ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް، މަދީނާއިން ތައުލީމު ހާސިލު ކުރައްވާފައިވާ ރާއްޖޭގެ އިލްމުވެރިންތަކެއް ވިދާޅުވީ، ގައުމެއްގެ ވެރިންނާ ދެކޮޅަށް ރައްޔިތުންތަކެއް ނުކުމެއްޖެ ނަމަ ރައްޔިތުންނާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ވެރި މީހާ ކަމަށެވެ. އަދި ވިދާޅުވީ ގައުމެއްގައި ވެރިކަން ކުރާ ވެރިއެއް މުރުތައްދުވެ ކާފިރުނުވާހާ ހިނދަކު ވެރިންނާ ދެކޮޅަށް އެ ގައުމެއްގެ ރައްޔިތުން ނުކުމެގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ނުކުތުމަކީ ދީނުގައި އޮންނަ ގޮތް ނޫން ކަމަށް އިލްމުވެރީން ވިދާޅުވި އެވެ.

"ސުންނަތުގެ ތެރެއަށް ވަދެއްޖެ މީހަކަށް ސުންނަތަށް ނަޒަރު ހިންގައި އެއަށް ބަލައިލައިފި މީހަކަށް، ވިސްނާލައިފި މީހަކަށް، ފިކުރު ކޮށްފި މީހަކަށް ފެންނާނެ އަހަރެމެންގެ ގާތަށް ވަޑައިގަތް އިލްމުވެރިން ވަނީ ފޮތް ލިޔުއްވާފައި. އެބައިމީހުން ވަނީ ހަދީސްތައް ރިވާ ކުރައްވާފައި. އެބޭފުޅުން ވަނީ މުސްލިމުންގެ އަގީދާ ލިޔުއްވައި އަދި ސާފުކޮށްދެއްވާފައި. އެހެންކަމުން މި އަގީދާއިން ހާއްސަވެގެންވީ ފޮތްތައް މުސްލިމަކު ބަލައިލައިފި ނަމަ އޭނާއަށް ފެންނާނެ މި ބާބުގައި ރަސޫލާ ރިވާ ކުރައްވާފައިވާ ރިވާއަތްތައް،" އިލްމުވެރިން ވިދާޅުވި އެވެ.

ދީނުގެ އިލްމުވެރިންގެ ފޮތްތަކުގައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ވާހަކަފުޅުދައްކަވަމުން އިލްމުވެރިން ވިދާޅުވީ ވެރިޔަކަށް ހުންނަ މީހާ ރައްޔިތުންގެ މުދާތައް ނުހައްގުން ބޭނުން ކުރިކަމުގައި ވީނަމަވެސް އެ ވެރިއަކަށް ކިޔަމަންވެ އެ ވެރިއަކު ދައްކާ ވާހަކައެއް އަޑުއަހަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ، އެއީ މި އުއްމަތުގެ ނަބިއްޔާ އެކަން ކުރަން އަމުރު ކުރައްވާފައިވާ ގޮތް ކަމަށެވެ.

ވެރިމީހާ ރައްޔިތުންގެ ހައްގުތައް އަތުލަނީ ކަމަށް ބުނެ ނުވަތަ ރައްޔިތުންނަށް އަނިޔާ ކުރަނީ ކަމަށް ބުނެ ނުކުންނަ މީހުން އެފަދަ ހަދީސްތައް ބަލައި އެއަށް އަމަލު ކުރުމަށް އިލްމުވެރިން ވަނީ ގޮވާލާފައެވެ.

"ދީނީ އިލުމުވެރިންގެ ސޫރަ މީސްތަކުންނަށް ވަނީ އޮޅުވާލެވިފައި. އިލްމުވެރިންނަކީ ކޮބައިކަން ވެސް މީސްތަކުންނަށް ވަނީ އޮޅުވާލެވިފައި. އެބައިމީހުންގެ ދީނަކީ ކޮބައިކަން ސައްހަވެގެންވާ އަދި ސަރީހަވެގެންވާ ގޮތަކަށް ނޫން ބަޔަކު މިއަދު މުޖުތަމައުއަށް ނުކުމެ އަންގައިދެމުން މިދަނީ. ކަނޑައެޅިގެން އެބައިމީހުންނަށް ވެވުނު ހިޔާނާތެއް މިއީ. ކަނޑައެޅިގެން އެމީހުން ދަސްކުރި ގޮތަކަށް ނޫން މިތަނުގައި އައިސްފައި އެ ކިއާދެވެނީއެއް. ކޮބާ މި އަމާނާތް. ކޮބާ އަހަރެމެން ދަސްކުރި އާޔަތްތައް،" އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އިލްމުވެރިން ވިދާޅުވި އެވެ.