ރިޔާޒް (މޭ 1): ސައޫދީ ސިފައިންނާއި ޔަމަންގެ ހޫޘީ ހަނގުރާމަ ވެރިންނާ ދެމެދު ދެގައުމުގެ ސަރަހައްދީ ރޮނގުގައި ބަދަލުކުރެވުނު ޙަމަލާތަކެއްގައި ހޫޘީ ހަނގުރާމަވެރިންގެ އެތަށް ބަޔަކާއި ސައޫދީ ސިފައިންގެ ތިން މީހުން މަރުވެއްޖެ އެވެ.

ސައޫދީ ދިފާއީ ވުޒާރާއިން ބުނިގޮތުގައި މި ޙަމަލާތައް ބަދަލުކޮށްފައިވަނީ ދެގައުމުގެ ސަރަހައްދީ ރޮނގު ގުޅިފައިވާ އައްނަޖްރާންގައެވެ. މިއީ ޔަމަންގެ މައްސަލައިގެ ތެރެއަށް އަސްކަރީ ގޮތުން ސައޫދީ އަރަބިޔާ މިދިޔަމަހު ވަދެގަތުމަށްފަހު ޔަމަންގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިންނާ ސައޫދީ ސިފައިންނާ ދެމެދު އެއްގަމު މަގުން ބަދަލުކުރެވުނު އެންމެ ވަރުގަދަ ޙަމަލާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޙަމަލާތަކުގައި މޯޓަރު ބަޑިއާއި ބޮޑުބަޑިފަދަ ބަރުހަތިޔާރުތައް ބޭނުންކޮށްފައިވާ ކަމަށް ސައޫދީ އަސްކަރީ ބަޔާނެއް ބުނެއެވެ. މި ޙަމަލާތަކުގެ ކުރިން ސައޫދީ ނެޝަނަލް ގާޑުންގެ ގްރޫޕަކާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ސަރަހައްދީ ރޮނގުގައި ބަދަލުކުރި ހަމަލާތަކެއްގައި ވެސް ސައޫދީ ނެޝަނަލް ގާޑުންގެ މީހަކު މަރުވެފައިވެއެވެ.

ސައޫދީ ޙިމާޔަތުގައި ހުންނެވި ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ތާއީދުކުރާ ގަބީލާ ހަނގުރާމަވެރިންނާއި ހޫޘީންނާ ދެމެދު ސަންއާ އާއި އަދަންގައި ވެސް ދަނީ ހަނގުރާމަ ހިނގަމުންނެވެ. އަނެއްކޮޅުން ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ކުޑަކުދިން ނުރައްކަލުގެ ތެރޭގައިވާކަމުގެ އިންޒާރު ކުޑަކުދިންގެ ޙިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ވަނީ ދީފައެވެ.

ކުޑަކުދިންގެ ޙިމާޔަތުގައި މަސައްކަތްކުރާ އދ.ގެ ފަންޑު ޔުނިސެފާއި އިނގިރޭސިވިލާތުގެ ސޭވްދަ ޗިލްޑްރަން ފަދަ ޖަމިއްޔާތައް ބުނާގޮތުން ހަނގުރާމައިގެ ސަބަބުން ޔަމަންގެ 8 މިލިޔަނެއްހާ ކުޑަކުދީން ވަނީ ޙާލުގައި ޖެހިފައެވެ.

މީގެތެރޭގައި ދެއަހަރުން ދަށުގެ މިލިޔަނެއްހާ ކުދިން ހިމެނޭއިރު މިކުދިންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާއާއި ތައްލީމު އެކަށީގެންވާ ގޮތުގައި ނުލިބުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ބައެއްކުދީން ޔަތީމުވެ އަނެއްބައިކުދިން ނަފްސާނީ އަދި ޖިސްމާނީ ބަލިމަޑުކަމެއްގެ ތެރޭގައިވާ ކަމަށްވެސް މި ޖަމިއްޔާތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)