03 May 2015, 10:08
ކަންދަހާރު (މޭ 3) : އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށްޓަކައި ތާލިބާނުންނާއި އަފްޣާން ސަރުކާރާ ދެމެދު ބޭއްވުމަށް ރޭވިފައިވާ ސުލްޙައިގެ ވާހަކަތަކުގައި އަށް ތަޖްރިބާކާރުންގެ މައްޗަށް އެކުލެވޭ ތާލިބާނުންގެ ވަފްދެއް ބައިވެރިވާނެކަން އެޖަމާއަތުން ހާމަކޮށްފިއެވެ.
ތާލިބާނުންގެ ތަރްޖަމާން ޒަބީހުﷲ މުޖާހިދު އާ ޙަވާލާދީ އަލްޖަޒީރާ ޚަބަރުދޭގޮތުގައި ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަފްޣާން ސުލްޙައިގެ ވާހަކަތަކުގައި އެޖަމާއަތުގެ އަށް މީހުން ހިމެނޭ ވަފްދެއް ބައިވެރިވާނެއެވެ. ނަމަވެސް އަފްޣާން ސަރުކާރާއެކު ސުލްޙައިގެ ވާހަކަތައް ބޭއްވުމަކީ އޭގެ ނަތީޖާއާމެދު ތާލިބާނުން އުންމީދު މާބޮޑުކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ގަތަރުންވަނީ އަފްޣާން ސަރުކާރާއި އެގައުމުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްޙައިގެ ވާހަކަތައް ކުރިޔަށްދާނީ އެގައުމުގެ ވެރިރަށް ދަވްޙާ ގައި ކަން ކަށަވަރުކޮށްދީފައެވެ.
ގަތަރުގެ މަސްއޫލުވެރިއަކު ވިދާޅުވީ އަފްޣާން ސުލްހައިގެ ވާހަކަތައް ދަވްޙާގައި ބޭއްވުމުގެ ތައްޔާރީތައް ގަތަރު ސަރުކާރުން ކުރަމުންގެންދާ ކަމުގައެވެ. އަފްޣާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެދެފަރާތުގެ އިތުބާރު ލިބިފައިވާ އަފްޣާނިސްތާނުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ބަގްވާޝް ޖަމާއަތް މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކަމަށް ޚަބަރުތައް ބުނެއެވެ.
ތާލިބާނުންނާއި އަފްޣާން ސަރުކާރުތަކާ ދެމެދު މިހާތަނަށް ބޭއްވި ސުލްޙައިގެ އެއްވެސް ވާހަކައެއް ކާމިޔާބު ވެފައެއް ނުވެއެވެ. ހަނގުރާމަ ހުއްޓާލައި ސިޔާސީ ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ތާލިބާނުން ހުށަހަޅާ ޝަރުތުތަކަކީ އެމެރިކާއާއި ބޭރުގެ އެއްވެސް ބާރެއް އަފްޣާން ބިމުގައި ނުބޭތިއްބުމެވެ. ބޭރުގެ އެއްވެސް ބާރެއް އަފްޣާން ބިމުގައި ނެތްނަމަ ތާލިބާނުންނަށް އަފްޣާން ސަރުކާރު ވައްޓާލުމަށްފަހު ގަދަބާރުން ވެރިކަމަށް އަތްގަދަ ކުރެވިދާނެ ކަމުގެ ޔަގީންކަން ތާލިބާނުންނަށް އޮވެއެވެ.
އަފްޣާން ސަރުކާރުން މިހާރުވެސް ގެންދަނީ ތާލިބާނުން ބަލިކުރުމަށްޓަކައި އެމީހުންނާ ދެކޮޅަށް އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއޮޕަރޭޝަންގައި އަފްޣާން ސިފައިން ވަނީ ތާލިބާނުންގެ 55 މީހަކު މަރާލާފައެވެ. (ރޮއިޓާސް)