"އެންމެފަހު ވިންދާޖެހެންދެން" ފިލްމުގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި އަޅުވާ ގޮަތަށް ހަމަޖައްސައިފި އެވެ.

ފިލްމްގެ ވަދާއީ ޝޯތައް އެޅުވުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުދަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. އަދި ހުކުރު ދުވަހުގެ ހަވީރުގެ ޝޯއަކާ އެކު ޖުމްލަ ހަތަރު ޝޯ ވަދާއީ ޝޯގެ ގޮތުގައި އެޅުވުމަށްވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ މިހާތަނަށް ދިވެހި ސްކްރީނެއްގައި ފަހުގެ ތާރީހެއްގައި އެޅުމުގެ އެންމެ ރީތި ލޯބީގެ ފިލްމް ކަމަށް ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރި ފިލްމްގެ ޑައިރެކްޓަރު މުމުހައްމަދު ޝިފާއު މިއަދު 'ސަން' އަށް މައުލޫމާތު ދެމުން ބުނީ ކާމިޔާބު ޝޯތަކަކަށް ފަހު އޮލިމްޕަސްގެ ސްކްރީނުގައި ވަދާއީ ޝޯތަކެއް އެޅުވުމަށް ހަމަޖެއްސީ ވަރަށް ގިނަ ބައެއްގެ އެދެމުގެ މަތިން ކަމަށެވެ.

"ފިލްމް ނަގަންދެންވެސް ވަރަށް ކާމިޔާބު ޝޯތަކެއް އެޅުވުނީ، ހުރިހާ ޝޯތަކެއް ވެސް ވަނީ ހައުސްފުލްވެފައި،" ޝިފާއު ވިދާޅުވި އެވެ.

މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަހުމަދު ނިމާލްގެ ދަރި ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ ލީޑް ރޯލް ކުޅެފައިވާ އެ ފިލްމުގެ މުހިންމު ރޯލެއް ކުޅެފައިވާ އެހެން ތަރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު މަނިކު އާއި ރޯނު ހަސަން މަނިކު އެވެ.

މި ފިލްމް އޮލިމްޕަސް ސްކްރީނުން ނެގީ ޓީވީއެމުން ގެނެސްދޭ ސްކޫލް ކުދިންގެ ލަވަމުބާރާތް އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެވެ.