ސްޕެނިޝް ލީގުގައި ކޯޑްބާގެ މައްޗަށް 8-0 ގެ ބޮޑު ތަފާތަކުން ބާސާލޯނާ މޮޅުވިއިރު އެޓީމާ ވާދަވެރި ރެއާލް މެޑްރިޑުން ރޮނާލްޑޯގެ ހެޓްރިކާއެކު 3-2 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ޕޮއިންޓް ތާވަލްގައި ބާސާގެ ފަހަތުން ވިއްދައިފިއެވެ.

ކޯޑްބާގެ ސްޓޭޑިއަމް ނޮވޭވޯ އާކެންޖަލްގައި އެޓީމާ ދެކޮޅަށް ބާސާ ކުޅުނު މެޗްގައި އުރުގުއޭގެ ލުއިސް ސުއަރޭޒްވަނީ ހެޓްރިކް ހަދާފައެވެ. އަދި ލިއޮނަލް މެސީ ވަނީ ދެ ލަނޑު ޖަހާފައެވެ.

ރޭގެ މެޗްގައި ހެޓްރިކް ހެދި ބާސާގެ ލުއިސް ޝުއަރޭޒް އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

ބާސާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 42 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ކޮރޭޝިއާގެ މިޑްފީލްޑާ އީވާން ރެކިޓިޗްއެވެ.

މެޗްގައި ޝުއަރޭޒް ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްތެރޭގައެވެ.

ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނާތިޖާއަކުން ބާސާކުރީގައި އޮވެގެންނެވެ. ބާސާއިން ޖެހި އަނެއް ހަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގައެވެ.

ބާސާގެ ތިން ވަނަ ލަނޑު މެސީ ކަމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައެވެ.

ރޭގެ މެޗްގައި ބާސާގެ މެސީ އަތުން ބޯޅަހޯދުމަށް ކޯޑްބާގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ/ އޭޕީ

ބާސާގެ ހަތަރު ވަނަ ލަނޑު ސުއަރޭޒްގެ ކާމިޔާބުކުރީ ދެ ވަނަ ހާފުގެ އަށް ވަނަ މިނެޓްގައެވެ.

ބާސްގެ ފަސް ވަނަ ލަނޑު ކާމިޔާބުކުރީ ޑިފެންޑަރ ޖެރާޑް ޕީކިޔްއެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ މެޗްގެ 20 ވަނަ މިނެޓްގައި ބާސާއަށް ލިބުނު ކޯނަރު ރެކިޓިޗް، ކޯޑްބާގެ ޕެނަލްޓީ އޭރިއާއަށް ހުރަސްކުރުމުން ބޮލުން ފޮނުވާލައިގެންނެވެ.

ރޭގެ މެޗްގައި ބާސާގެ ޖެރާޑް ޕީކުޔް ލަނޑު ޖެހުމަށްފަހު އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

މެޗްގައި ބާސާގެ ހަ ވަނަ ލަނޑު މެސީ ކާމިޔާބުކުރީ ދެ ވަނަ ހާފްގެ 35 ވަނަ މިނެޓްގައެވެ.

މިލަނޑަށްފަހު ހެޓްރިކް ހެދުމަށް މެސީއަށް ވަނީ ފުރުސަތު ލިބިގެންގޮސްފައެވެ. އެއީ ކޯޑްބާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ޑިފެންޑާ އެޑްރިއަން ގްނީނޯ ބާސާގެ ނޭމާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ނަމަވެސް ބާސާގެ ޢާންމުކޮށް ޕެނަލްޓީ ފޮނުވާލާ މެސީ ވަނީ، އެޕެނަލްޓީ ޖެހުމުގެ ފުރުސަތު ނޭމާއަށް ދީފައެވެ.

ބާސާގެ ހަތް ވަނަ ލަނޑު ނޭމާ ކާމިޔާބު ކުރީ އެޕެނަލްޓީއިންނެވެ.

ރޭގެ މެޗްގައި ބާސާގެ މެސީއާ ނޭމާ އުފާ ކުރަނީ. ބާސާއަށް ލިބުނު ޕެނަލްޓީ ޖެހުމަށް މެސީ ވަނީ ނޭމާއަށް ފުރުސަތު ދީފައި --- ފޮޓޯ/ އޭޕީ

މިމެޗްގައި ސުއަރޭޒް ހެޓްރިކް ހަދާފައިވަނީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ދެ ވަނަ ހާފުގެ 43 ވަނަ މިނެޓްގައެވެ.

ސެއްވިއްޔާގެ މެޗަކީ ރެއާލް ކުޅުނު ތިން މެޗަށްފަހު ރޮނާލްޑޯއަށް ލަނޑި ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ.

ރޮނާލްޑޯ ޖެހި ތިން ލަނޑަކީ އޭނާ އަށް ލަނޑު ޖެހުމުގެ މައްސަލަ ކުރިމަތި ވެފައިވާކަމަށް ބުނެ ފާޑު ކިޔާ ފަރާތްތަކަށް ދިން ރައްދެކެވެ.

ރޮނާލްޑޯ ގެ ފުރުތަމަ ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްކޯ ނަގައިދިން ހުރަހެއް ރޮނާލްޑޯ ބޮލުން ފޮނުވާލައިގެންނެވެ.

ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާކުރަނީ --- ފޮޓޯ/ އޭޕީ

އެގޯލް ޖެހިތާ އެއް މިނެޓްފަހު ރޮނާލްޑޯ ވަނީ އަނެއްކާވެސް ލަނޑު ޖަހައި ރެއާލްގެ ލީޑު ފުޅާކޮށްފީފައެވެ.

ސެއްވިޔާ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. ރެއާލް ޕެނަލްޓީ އޭރިއާ ތެރެއިން ސެއްވިޔާގެ އެލެކްސް ވިޑާލްރެއާލްއަށް ޑިފެންޑާ ސާޖިއޯ ރޯމާސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ކޮލަމްބިއާގެ ގައުމީ ޓީމްގެ ފޯވަޑް ކާލޯސް ބަކާއެވެ.

ރޮނާލްޑޯ އަތުން ބޯޅަ ހޯދުމަށް ސެވިއްޔާގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި ވަނީ ފާއިތުވެދިޔަ ތިން މެޗްގައި އަނިޔާގެ ސަބަބުން ޓީމުގައި ނުހިމެނުނު ރެއާލްގެ ވޭލްސްގެ ވިންގާ ގެރެތު ބޭލް ކުޅެން ނިކުމެފައެވެ.

އޭނާ ކުޅެން ނިކުތީ ދެ ވަނަ ހާފުގެ 21 ވަނަ މިނެޓްގައި ހެނާންޑޭޒް ޗިޗަރީޓޯގެ ބަދަލުގައެވެ.

މެޗްގައި ރޮނާލްޑޯ ހެޓްރިކް ހަދާފައިވަނީ ބޭލް ކުޅެން އެރިތާ ދެ މިނެޓް ފަހުން ދެވަނަ ހާފުގެ 23 ވަނަ މިނެޓްގައި ބޭލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ބޭލް ތަނަވަސްކޮށް ދިން ފުރުސަތަކުން ރޮނޯލްޑް ލަނޑު ޖެހުމަށްފަހު ރޮނާލްޑޯއާ ބޭލް އުފާ ކުރަނީ --- ފޮޓޯ/ އޭޕީ

އޭގެ ދިހަ މިނެޓްފަހުން ސެވިއްޔާގެ މިޑްފީލްޑަރ ވިސެންޓޭ އިބްރޯވަނީ ސެއްވިޔާގެ ފަރަގު 3-2 ނަތީޖާއަކަށް ކުޑަކޮށްދީފައެވެ.

ބާސާއާއި ރެއާލް މޮޅުވުމުން އެދެޓީމުގެ ދެމެދުގައިވާ ފަރަގަކަށް ބަދަލެއް ނާދެއެވެ. މިމެޗުން މޮޅުވުމުން ބާސެލޯނާއަށް ވަނީ 35 މެޗުން 87 ޕޮއިންޓް ލިބިފައެވެ. ދެ ޕޮއިންޓްގެ ފަރަގަކާއެކު 35 މެޗް ކުޅެގެން ރެއާލްއަށް ލިބިފައިވަނީ 85 ޕޮއިންޓެވެ.