މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއަށް ރާއްޖޭގެ އެކި ހިސާބުތަކުން އައިސްފައިވާ ކައުންސިލަރުންގެ މައުލޫމާތު ދިނުމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި މިއަދު ކައުންސިލްތަކަށް ފޮނުވި ސިޓީގައި ވަނީ ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 123ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލު ކުރުމެއް ނެތި މިދިޔަ ހުކުރު ދުވަހު މާލޭގައި ތިއްބެވި ކައުންސިލަރުންގެ މައުލޫމާތު އަންނަ އަންގާރަ ދުވަހުގެ ކުރިން އެ އޮތޯރިޓީއަށް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 123ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަސްމީ ބޭނުމަށް މާލެ އައިސްފައިވާ ކައުންސިލަރުންގެ މައުލޫމާތު ވެސް އަންނަ އަންގާރަ ދުވަހުގެ ކުރިން އެލްޖީއޭއަށް ހިއްސާ ކޮށްދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

"އިސްވެ ދެންނެވުނު މައުލޫމާތުތައް 5 މެއި 2015ގެ ކުރިން މި އޮތޯރިޓީއާ [އެލްޖީއޭ] ހިއްސާ ނުކުރައްވާ ކައުންސިލްތަކުގެ ޒިންމާދާރުވެރިންގެ މައްސަލަ ބެލުމަށް ރަސްމީކޮށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅޭނެ ވާހަކަ ވެސް ދަންނަވަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓަރު އުމަރު ސޮއިކޮށް ކައުންސިލްތަކަށް ސިޓީއެއް ފޮނުއްވާފައިވާއިރު ރަސްމީ ބޭނުމަށް ކަމަށް ބުނެ އަމިއްލަ ބޭނުންތަކަށް ކައުންސިލަރުން މާލެ އަންނާތީ އެކަން ބަލައި ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެދިވަޑައިގެންފައި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އުމަރު މިދިޔަ ބުދު ދުވަހު ފޮނުއްވެވި ސިޓީއެއްގައި ވަނީ ރަސްމީ ބޭނުމަށް ކަމަށް ބުނެ އަމިއްލަ ބޭނުމަށް "މިދުވަސްކޮޅު" މާލެ އަންނަ ކަމުގެ މައުލޫމާތު ހޯމް މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.