04 May 2015, 10:57
މިހާތަނަށް ދެ ޓީމްގެ ކުޅުމަށް ބަލާއިރު ޓީސީއަށް ނިއުރޭޑިއަންޓްގެ މައްޗަށް މޮޅު ނުވެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ޓީސީގެ ކޯޗް މުޙައްމަދު ނިޒާމު ބުނެފިއެވެ.
މާދަމާ ނިއުރޭޑިއަންޓާ ދޮކޮޅަށް ނިކުންނަ މެޗާ ބެހޭ ގޮތުން ވަހަކަ ދައްކަމުން ނިޒާމު ބުނީ ނިއު މިހާރު އޮތީ ކޮން ހާލަތެއްގައިތޯ ނުވިސްނާ ކަމަށާއި އަބަދުވެސް ނިކުންނަނީ ވަރުގަދަ ޓީމެއްކަމުގައި ދެކިގެން ޓީސީގެ ހުރި އެންމެ މަތީ ސްޓްރެންތުގައި ކަމަށެވެ.
"ނުވިސްނަން ނިއުރޭޑިއަންޓް މިހާރު އޮތީ ކޮން ހާލަތެއްގައިތޯ. އަބަދުވެސް ބަލަނީ އިދިކޮޅަށް ނިކުންނަނީ ވަރުގަދަ ޓީމެއް ކަމަށް އެހެންވީމާ އެޓީމާ ދެކޮޅަށް ނިކުންނަނީ ޓީމްގެ ހުރި އެންމެ ފުލު ސްޓްރެންތެއް ލައިގެން. ކޮންމެ ގޮތެއް ވިޔަސް މާދަން މެޗް ޓީސީއަށް މޮޅު ކޮށްދޭނީ 200 ޕަސަންޓް އެފާޓް. އިތުރަށްލާ އެފާޓް މާދަން ޓީސީއަށް މޮޅު ކޮށްދޭނީ،" ނިޒާމް ބުންޏެވެ.
ނިޒާމް ބުނީ ނިއު މިހާތަނަށް ކުޅެފައިވާ ވަރަށް ގިނަ މެޗްތަކާއި ވަކިވަކި ކުޅުންތެރިންގެ ކުޅުންވެސް ސްޓަޑީކޮށްފައި ވާނެ ކަމަށާއި ނަމަވެސް ނިއުރޭޑިއަންޓްގެ ކުޅުންތެރިނަށް ބަލާއިރު އެކުޅުންތެރިންނަކީ ކޮންމެ މެޗެއްގެ ކޮންމެ ހާލަތެއް ގައިވެސް ތަފާތުކޮށް ކުޅެފާނެ ކުޅުންތެރިން ކަމަށެވެ.
މާދަމާގެ މެޗަށް ނިކުންނައިރު ނިއުގެ މުޙައްމަދު ރަޝީދު (ހޮކޭ) އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭތީ އެކަން ޓީސީއަށް އެޑްވާންޓޭޖަކަށް ވާނެތޯ ސުވާލު ކުރުމުން ނިޒާމް ބުނީ ޓީމަށް ޢާންމުކޮށް ކުޅެމުން އަންނަ ކުޅުންތެރިޔެއް ޓީމުގައި ނުހިމެނުން އިދިކޮޅު ޓީމަށް ޑިސްއެޑްވާންޓޭޖަކަށްވެސް ވެދާނެ ކަމަށާއި އެއީ އަލަށް ނިކުންނަ ކުޅުންތެރިޔާގެ މަސައްކަތްވެސް ތަފާތު ވެދާނެތީ ކަމަށެވެ. ނަމަވެސް ހޮކޭއަކީ ތަޖުރިބާކާރު ކުޅުންތެރިޔެއް ކަމަށާއި އޭނާގެ ބަދަލުގައި އެފެންވަރުގެ ތަޖުރިބާ ހުރި އެހެން ކުޅުންތެރިޔެއް ނިއުގެ މިހާރު އޮތް ސްކޮޑުން ނުނެރެވުމަކީ އެޓީމަށް ހީނަރުކަން އަންނާނެ ކަމެއް ކަމަށެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ ޕީޕަލްސް ކަޕްގައި ނިއުރޭޑިއަންޓް ސިންގަޕޫރު ލަޔަންސާ ދެކޮޅަށް ކުޅުނު މެޗްގައި ލަޔަންސްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އަރާފައިވާތީ ހޮކޭ ހަ މެޗަށް ސަސްޕެންޑްކޮށްފައެވެ.
ޕީޕަލްސް ކަޕްގައި ނިއުއަށް ކުޅުނު މިހާރު ޓީސީގެ ބްރަޒިލް ފޯވަޑް ރަފީނިއޯގެ ކުޅުމާ ބެހޭގޮތުން ނިޒާމް ބުނީ މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ރަފީނިއޯގެ ފަރާތުން ތަފާތު ކުޅުމެއް ފެނުނިގެންގޮސްފައިވާ ކަމަށާއި ޕްރެކްޓިސް މެޗްތަކާއެކު ކުޅުނު އެންމެ މެޗެއް ފިޔަވައި ދެން ހުރިހާ މެއްޗެއްގައި އޭނަ ލަނޑު ޖަހާފައިވާ ކަމަށެވެ.
އެހެންކަމުން އެޓީމަކުން އޭނާ ބޭރުކޮށްލި ޓީމާ ދެކޮޅަށް ނިކުންނައިރު އިތުރަށް ހިތްވަރު ލައި ކުޅޭނެކަމަށް ޤަބޫލު ކުރާކަމަށް ނިޒާމް ބުންޏެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިހާތަނަށް ކޮންމެ ޓީމެއްވެސް އެއް މެޗް ކުޅެފައިވާއިރު ޓީސީ ވަނީ 2-0 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން މޮޅުވެފައެވެ.
ނިއުރޭޑިއަންޓާ ޓީސީ ބައްދަލު ކުރާ މެޗް އޮންނާނީ މާދަމާ ހަވީރުއެވެ. މިހަފްތާގެ މެޗްތަކަށްވެސް ޓިކެތް ނުނަގައި ދަނޑަށް ވަދެވޭ ގޮތަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.