އާ ގާނޫނުލް އުގޫބާތަށް ޖުލައި މަހުގެ 1 ވަނަ ދުވަހު އަމަލު ކުރަން ޖެހޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ގާނޫނުލް އުގޫބާތުގެ 10 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލް އުގޫބާތަށް އަމަލު ކުރާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ރ) އަށް ވެސް ރިޒާ ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންނަކީ ކޮބައިކަން އެ ގާނޫނުގައި މިހާރު މާނަކޮށްފައިވާ ގޮތް ބަދަލުކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ.

ރިޒާ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ މިހާރު ގާނޫނު އޮތް ގޮތުން ކުށް ކުރާ މީހުން ހައްޔަރު ކުރުމުގެ ބާރު ލިބިފައި ނުވާ، ނަމަވެސް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތްތައް ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭތީ ކަމަށެވެ.

ގާނޫނުލް އުގޫބާތަށް އަމަލު ކުރަން އަވަސް ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިރު، އެއަށް އަމަލު ކުރަން ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވެސް ސަރުކާރު ކޯލިޝަނުން ހުށަހެޅި އިސްލާހަކާ ގުޅިގެންނެވެ. އަދި އެ އިސްލާހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ރައީސް ޔާމީން ވަނީ އެ އިސްލާހު ވެސް ތަސްދީގު ކުރައްވާފައި އެވެ.

ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ އުގޫބާތާއި ކުށްކުށާއި އުގޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާއުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަންތައްތަކާއި އަދަބު ކަނޑައެޅުމުގެ އުސުލާއި އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.