06 May 2015, 12:28
ސަން ޓްރެވެލްސް އެންޑް ޓުއާސް އަށް 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބްލަޑް ކޭމްޕް ތަކެއް ބޭއްވުމަށް ހަމަ ޖައްސައިފިއެވެ.
ކުންފުނީގެ ރިހިޔޫބީލް ފާހަގަ ކުރުމުގެ ގޮތުން އުފައްދާފައިވާ ސްޓިއަރިން ކޮމިޓީގެ ފަރާތުން އައިޝަތު ރަފިއްޔާ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީއާ ގުޅިގެން ހަތަރު ބްލަޑް ދޮނޭޝަން ކޭމްޕެއް ބާއްވަން ވަނީ ނިންމާފަ ކަމަށެވެ.
އެގޮތުން ފުރަތަމަ ބްލަޑް ޑޮނޭޝަން ކޭމްޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގެ މޯލްޑިވިއަން ބްލަޑް ސާވިސެސްގައި މިމަހުގެ 16 ވަނަ ދުވަހު ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. ދެ ވަނަ ކޭމްޕް، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ ކޭމްޕް އޮންނާނީ މިމަހުގެ 21 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ވިލުރީފާއި އިރުފުށީގައި ވެސް ކޭމްޕްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
އެ ކޭމްޕްގެ ސަބަބުން މީގެ ކުރިން އެއް ކުންފުނިން އެންމެ ގިނައިން ލޭ ހަދިޔާ ކުރުމުގެ ރެކޯޑު އައު ކުރުމަށް އުއްމީދު ކުރާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. މީގެ ކުރިން އެއް ކުންފުންޏަކުން އެންމެ ގިނަ އަދަދަކަށް ލޭ ހަދިޔާ ކޮށްފައިވަނީ 270 މުއައްޒަފުންނެވެ.
އޭނާ ވިދާޅުވީ އެފަދަ ކޭމްޕެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖެއަކީ ތެލެސީމިއާގެ ނިސްބަތް ބޮޑު ގައުމަކަށް ވެފައި ވުމުން އެކަމަށް ކުޑަ ވަރެއްގެ އެހީއެއް ފޯރު ކޮށްދިނުމަށް ކަމަށެވެ.
އެ ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޑަ ކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. ވިލިނގިލީގައި ބޭއްވުމަށް ހަމަ ޖެހިފައިވާ އެ ކުޑަ ކުދިންގެ ހަވީރު އޮންނާނީ މިމަހުގެ 15 ގަ އެވެ.
ސަން ޓްރެވެލްސްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހާއްސާ "ގްރޭންޑް ގޭލާ" އޮންނާނީ މިމަހުގެ 28 ގައެވެ.