ފްރާންސް އަށް ވައްޓާލި ޖާމަން ވިންގްސްގެ ކޯޕައިލެޓް އެންޑްރިއާސް ލޫބިޒް ވަނީ ފްލައިޓް ވައްޓާލަން ޖެހޭ ގޮތުގެ 'ރިހާސަލް' އެއް ކޮށްފަ ކަަމަށް މިކަން ތަހުގީގު ކުރި ފްރާންސްގެ ތަހުގީގު ޓީމްގެ ރިޕޯޓުން ދައްކައިފި އެވެ.

މި ތަހުގީގުތައް ކޮށްފައި ވަނީ ފުލައިޓުގެ ކަޅުފޮށިންނާއި ވޮއިސް ރިކޯޑަރުން ލިބުނު މައުލޫމާތަށް ބަލާފަައި ކަމަށް ސީއެންއެން އިން ބުނެ އެވެ. މި ތަހުގީގުން ހާމަވި ގޮތުގައި ޕައިލެޓް ކޮކްޕިޓުން ނުކުމެ ވާނީ ފަސްވަރަަކަށް މިނިޓެވެ. ކޯޕައިލެޓް ފްލައިޓް ވައްޓާލާފައި ވަނީ ޕައިލެޓް ބޭރަށް ނުކުތް ވަގުތު ކޮކްޕިޓްގެ ދޮރުގައި ތަޅުލާފަ އެވެ. މި ފުލައިޓް ވައްޓާލުމުގެ ސަބަބުން 150 މީހުން ވަނީ މަރުވެފަ އެވެ.

ފުލައިޓު ވައްޓާލި ޕައިލެޓަކީ ނަފްސާނީ މައްސަލަަތައް ހުންނަ މީހެއް ކަަމަށާއި، ޑިޕްރެޝަން އަށް ބޭސްކުރިކަމަށް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ސީއެންއެން އަށް މައުލޫމާތުދެމުން ސީއެންއެންގެ ވައިގެ ދަތުރާއި ބެހޭ އެނަލިސްޓް ބުނީ އެއާ ބަސް ފުލައިޓްގައި ހުންނަ ސިސްޓަމަކުން އާދަޔާޚިލާފުކަމެއް ކުރަންޏާ އެނގޭނެ ނިޒާމެއް ހުންނަ ކަމަށާއި ކޯޕައިލެޓް ޓެސްޓްކުރީ މި ސިސްޓަމު އެލާމް އަޅާނީ ކިހާވަރަަކަށް ފްލައިޓް ތިރި ކުރީމަ ކަމަށްތޯ ބަަލަން ކަަމަށެވެ.

ފުލައިޓް ވައްޓާލި ކޯޕައިލެޓް ޑިޕްރެޝަން ހުރި މީހެއް ކަަމަށްވީނަމަވެސް މި ފްލައިޓް ވައްޓާލުމަށް ކޮށްފައިވާ ޕްލޭނުގެ ސަބަބުން އޭނަގެ ވިސްނުންތެރިކަމާއި ދެތެރޭ ވަނީ އާ ބަހުސް އެއް އުފެދިފައެވެ.