07 May 2015, 11:18
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވެ 13 އަހަރުގެ ޖަލު ހުކުމަށް މައާފު ދިނުމަށް އުންމީދު ނުކުރުމަށާއި ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ރައިޓާސް އިން މިއަދު ބުނީ ނަޝީދު 2012 ވަނަ އަހަރު މަގާމުން ދުރު ކުރީ ކަމަށާއި އަދި އެއީ ބަޣާވާތެއް ކަމަށް ނަޝީދުގެ ސަޕޯޓަރުން ގަބޫލު ކުރާ ކަމަށެވެ. އަދި ބުނީ އެ އަށް ފަހު ފަނޑިޔާރު ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް މިދިޔަ މާޗް މަހު ޓެރަރިޒަމްގެ ހުކުމް ކުރި ކަމަށެވެ.
ރޮއިޓާސް އިން އެހެން ބުންޏަސް، ނަޝީދު 2012 ފެބްރުއަރީ 7ގައި، އިސްތިއުފާ ދެއްވީ "އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުރެއްޖެ ނަމަ، ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ ކަމަށް" ވިދާޅުވެ އެވެ.
އދ.ގެ ހިއުމަން ރައިޓްސް ޗީފް، ޒައިދު ރައާދު އަލްހުސައިން ވިދާޅުވީ ނަޝީދުގެ ޝަރީއަތުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވީ ނަޝީދުގެ ޝަރީއަތަކީ އިންސާފުން ބޭރު ޝަރީއަތެއް ކަމަށާއި ވަރަށް އަވަހަށް އެކަމަށް އަޅާލަން ޖެހޭ ކަމަށެވެ.
ނަޝީގެ އަރިހަށް މިދިޔަ މަހު ޒިޔާރަތް ކުރި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް އޮފިޝަލަކު ވިދާޅުވީ ނަޝީދަށް ދިފާއުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ފުރުސަތު ނެތް ކަމަށާއި އަދި އިސްތިއުނާފުގެ މަރުހަލާ 90 ދުވަހުން 10 ދުވަހަށް ކުރުކޮށްފައިވާ ކަމަށާއި އެ މުއްދަތަކީ ދިފާއުގައި މައްސަލަ ހުށަހެޅުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.
ނަމަވެސް ދުންޔާ ވިދާޅުވީ ނަޝީދަށް އޭނާގެ މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭރުން ބައިނަލްއަގުވާމީ ފަރާތްތަކުގެ ކުރިމަތީގައި އެ ޝަރީއަތް ގެންގޮސް، ނަޝީދުގެ ޝަރީއަތް ގެންދިޔައީ ބޭންއިންސާފުން ކަމަށް ބުނެ، ސަރުކާރުން އަތްބާނާފައިވާ ކަމަށް ބުނާ ފަރާތްތަކަށް އެކަމުގެ ޖަވާބު ލިބޭނެ ކަމަށެވެ.
ދުންޔާ ވިދާޅުވީ، ނަޝީދު ގާޒީ ހައްޔަރުކޮށް އެ ޖަރީމާ ހިންގެވީ ރޯމާ މެންދުރު ދުވާލު ކަމަށާއި އެކަން ކުރީ ރާއްޖޭގެ ރައްޔިތުންނާއި މުޅި ދުނިޔޭގެ ވެސް ލޯމަތީގައި ކަމަށާއި ނަޝީދު އެ ޖަރީމާ ހިންގެވިކަމާ މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ދުންޔާ އެވާހަކަ ދެެއްކެވީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް، ޖެނީވާގައި ރާއްޖޭގެ އިންސާނީ ހައްގުތައް ދިފާއު ކުރައްވައި ދެެއްކެވި ވާހަކަ ފުޅުށް ފަހު އެވެ.
ދުންޔާ ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑުކިޔުންތައް އެ ޝަރީއަތަށް އަމާޒުވީ، އެ ޝަރީއަތުގެ އިޖުރާއަތަށް ކަމަށާއި ނަމަވެސް އެ ޝަރީއަތުގެ އަސްލާ މެދު ނޫން ކަމަށެވެ.
އަދި ނަޝީދު އެ މައްސަލަ އިސްތިއުނާ ނުކުރުމަށް ނިންމެވީ، ރާއްޖެ އިން އެ ޝަރީއަތުގެ އިސްތިއުނާފު މަރުހަލާ އޮބްޒާވު ކުރުމަށް އދ. އާއި ޔޫރަޕިއަން ޔޫނިއަން އާއި އަދި ކޮމަންވެލްތަށް ދައުވަތު ދިން ފަހުން ކަމަށް ވެސް ދުންޔާ ރޮއިޓާސް އަށް ވިދާޅުވި އެވެ.
ރޮއިޓާސް އިން ބުނީ ނަޝީދުގެ ސަޕޯޓަރުންނާއި ރައީސް ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރާ މީހުންގެ މެދުގައި ކުރިމަތިލުންތައް ފެށިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ބޭއްވި މުޒާހަރާ އަށް 10،000 މީހުން މަގުތައް މައްޗަށް ނުކުމެ، ނަޝީދު މިނިވަން ކުރުމަށް ގޮވާލި ކަމަށެވެ. އަދި ފުލުހުން 193 މީހުން ހައްޔަރު ކުރި ކަމަށާއި އޭގެ ތެރޭގައި ޕާޓީތަކުގެ ބޮޑުން ހިމެނޭ ކަމަށެވެ.
އދ. އިން އެދެނީ ނަޝީދަށް މައާފު ދިނުން ކަމަށާއި ނަމަވެސް ދުންޔާ ވިދާޅުވީ އެކަމަނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ މީހަކަށް ވަކި މުއްދަތެއް ނުވަނީސް ރައީސް އަށް މައާފު ނުދެވޭ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.