08 May 2015, 19:01
އެމްޑަބްލިއުއެސްސީގެ ފެން ޕްލާންޓުގައި ރޯވުމުގެ ސަބަބުން މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑް" އަށް 1.2 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ޕާކިސްތާނު ސަރުކާރުން ނިންމައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ޕާކިސްތާނުން އެ އެހީ ދިނުމަށް ނިންމީ ރައީސް ޔާމީން މިދިޔަ ބުދަ ދުވަހު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ ސަރުކާރުން އުފައްދާފައިވާ ފެން ފަންޑުގެ ކަންކަން ސަރުކާރުން ގެންދަނީ ވަރަށް ދެފުށްފެންނަގޮތަށް ކަމަށެވެ.

ޕާކިސްތާނުގެ ޝާކަރްޕާރިއަން މެމޯރިއަލް ގާޑަންގައި ރައީސް ޔާމީން-- ފޮޓޯ/ ރައީސް އޮފީސް
"ހަމައެއާއެކު އަޅުގަނޑުމެން ކުރިއަށްދާއިރު މިފަދަ ކަމެއް ދިމާވިޔަ ނުދޭން ނުވަތަ މިފަދަ ކަމެއް ނުވާނެ ގޮތަކަށް އަޅުގަނޑުމެން ނިޒާމު ބައްޓަން ކުރުމަށް ކޮންޓިންޖެންސީ އެރޭންޖުމަންޓުތަކެއް ހަމަޖެއްސުން އެއީ މުހިއްމު ކަމަކަށް ވާތީ. އަދި ހިނގާފައި ހުރި ޚަރަދުތަކުގެ ތެރެއިން، ލީކޭޖެސްގެ ގޮތުގައި ހިނގާފައި ހުރި ޚަރަދުތައް އައިޑެންޓިފައި ވުން. މި ހުރިހާ ކަމެއް ކޮންޕްރިހެންސިވްލީ ނިންމާލައި އެމްޑަބްލިއުއެސްސީއާ އެކު އިށީނދެ، އެ ފައިސާގެ ބޭނުން ހިފަން އަދި އަޅުގަނޑުމެން ކުރިއަކަށް ނުދަން،" މުންދު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އެ ހާދިސާއިން އަރައިގަތުމަށް 20 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
މީގެކުރިން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި ބައެއް އެހެނިގެން ގައުމުތަކުން ވެސް ވަނީ ފެންފަންޑަށް ހަދިޔާކޮށްފައެވެ.