09 May 2015, 11:46
އިނގިރޭސި ޕްރިމިއާ ލީގްގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗްގައި މެލޭޝިއާގެ ޓީމުން ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަނގަޑޭ) އަށް ފުރުސަތު ލިބުމަކީ ދަނގަޑޭގެ ކެރިއަރުގައި ލިބިގެންދާނެ "ބޮޑު" ފުރުސަތެއްކަމަށް ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނެފިއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ޤަތަރާއި ހޮންކޮންގްއާ ދެކޮޅަށް ކުޅޭ ރާއްޖޭގެ ޤައުމީ ސްކޮޑު އިޢުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮޕޯފް ބުނީ ދަނގަޑޭގެ ކެރިއާގައި އެފަދަ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަމަށާއި އެމެޗްގައި އޭނާ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ މިއަށްވުރެ ބޮޑު ފުރުސަތެއްވެސް ތަނަވަސް ވެދާނެކަމަށެވެ.
"ޓޮޓެންހަމް ފަދަ ޓީމަކާ ދެކޮޅަށް އަޝްފާޤު ރަނގަޅަށް ކުޅެފިނަމަ. ކިހިނެތް އެނގޭނީ އޭނާއަށް ރަނގަޅު ފުރުސަތެއް ތަނަވަސް ނުވާނެކަމެއްވެސް" ޕޮޕޯފް ބުންޏެވެ.
ޕޮޕޯފް އެއީޝާރަތް ކުރީ އެމެޗްގައި ރަނގަޅު ކުޅުމެއް ދައްކައިފިނަމަ ޓޮޓެންހަމް ޓީމުންވެސް ފުރުސަތެއް ލިބުންކަމަށް ބެލެވެެއެވެ.
ކޯޗު ބުނީ އަޝްފާޤަށް ޓޮޓެންހަމްފަދަ ޓީމަކާ ދެކޮޅަށް މެޗެއް ކުޅުމުގެ ފުރުސަތު ލިބުމުން އޭނާވެސް ވަރަށް އުފާވެއްޖެ ކަމަށާއި އެމެޗްގައި އަޝްފާޤުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
ޓޮޓެންހަމްއާ ދެކޮޅަށް ނިކުންނަ މެލޭޝިއާގެ ޓީމުގައި އެޤައުމުގައި ކުޅޭ ޤައުމުން ބޭރު ފަސް ކުޅުންތެރިން ހިމެނުމުގެ ހުއްދައަށް އެދުމުން، މެލޭޝިއާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ތަންގަކޫ ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހު ވަނީ މެލޭޝިއާގެ ޤައުމީ ޓީމްގެ ކޯޗް ދެލާހް ޞެލާހްއަށް ހުއްދަ ދީފައެވެ.
މިދިޔަ ސީޒަންގައި ޕީޑީއާރްއެމްގައި ދަނގަޑޭ އަށް ކޯޗްކޮށްދިން ޞެލާހް ވަނީ ދަނގަޑޭއަށް އެޓީމުން ފުރުސަތު ދޭނެކަމަށް ބުނެފައެވެ.
މިކަމާ ބެހޭގޮތުން މެލޭޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ޔޫޓޫ ސަންއަށް މަޢުލޫމާތު ދެމުން ޞެލާހް ބުނެފައިވަނީ ދަނގަޑޭ އޭނާގެ ޓީމްގައި ހިމެނުމަށް ބޭނުންވަނީ ދަނގަޑޭއަކީ މިދިޔަ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ކަމަށްވެފައި އޭނާއަކީ މިފަދަ މެޗަކަށް މުހިންމު ކުޅުންތެރިއެއް ކަމުގައިވުމުން ކަމަށެވެ.
ޓޮޓެމްހަމްއާ މެލޭޝިއާ ކުޅޭ މެޗް އޮންނާނީ މިމަހު 27 ވަނަ ދުވހުގެ ރޭގައެވެ.
މިމެޗް ފެށޭނީ ރާއްޖޭގަޑިން އެދުވަހުގެ ހަވީރު 5:45 ގައެވެ.