މި ސަރުކާރުގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުއްލިއްޔާގައި ކިޔަވައިދެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ޝަހީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކުއްލިއްޔާގައި އަންނަ ޖޫން މަހު އަލަށް ފަށާ "މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސިސްޓަމް" ކޯހުގައި އޭނާ ކިޔަވައިދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ، އިސްލާމީ ކޮންމެ ހިދުމަތެއްގައި ރާއްޖެއަށާއި ރައްޔިތުންނަށްޓަކައި ވެވުނު އެންމެ މަތީ ދަރަޖައެއްގައި އެހީވެދެއްވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރުކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ޑރ. ޝަހީމަކީ އަދުގެ ސަރުކާރާ ދެކޮޅަށް އެތައް ވާހަކަތަކެއް ދައްކަމުން އަންނަ އަދާލަތު ޕާޓީގެ ވެސް މެމްބަރެކެވެ.

ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން އެ މަގާމުތަކުން އިސްތިއުފާދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށް އެކަން އަންގައިފައި ވަނިކޮށެވެ.

ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް ޔާމީން ވަނީ ޑރ. އަހުމަދު ޒިޔާދު ބާގިރު އައްޔަންކުރައްވައިފައެވެ.

ޑރ. ޝަހީމް ކުރައްވާފައިވާ ޓްވީޓްގައި މިހާރުގެ އިސްލާމިކް މިނިސްޓަރަށް މަރުހަބާ ވެސް ވިދާޅުވެފައި ވެއެވެ.