11 May 2015, 18:44
އިންޑިއާގެ ކަޝްމީރު އަވަށުގައި ފަރުބަދައެއް މަތިން ދަތުރުކުރި ބަހެއް މަގުން ކައްސާލައި ފުރޮޅާލުމުގެ ސަބަބުން 23 މީހުން މަރުވެއްޖެ އެވެ.
ނިއުސް އެޖެންސީ އޭއެފްޕީއާ ހަވާލާދީ ބީބީސީން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ފަރުބަދައެއްގެ އެއްފަޅީގައި ހަދާފައިވާ މަގަކުން ދުއްވަމުން ގޮސް އަނބުރާލަން އުޅުމުގެ ތެރޭގައި ޑްރައިވަރުގެ އަތުން ބަހުގެ ކޮންޓްރޯލުން ގެއްލުމުން ކަމަށެވެ.
އެ އެކްސިޑެންޓުގައި 23 މީހުން މަރުވެފައިވާ އިރު އިތުރު 30 ވަރަކަށް މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ ކަޝްމީރުގައި ހުންނަ މަރޮއްތީ ނަމަކަށް ކިޔާ ފަރުބަދަ ވިލޭއްޖެއްގަ އެވެ. އެއީ ސްރިނަގަރު ސިޓީގެ ދެކުނުން 250 ކިލޯމީޓަރު ދުރު ހިސާބެކެވެ.
"މަރުވެފައިވާ 23 ހަށިގަނޑެއް އަޅުގަނޑުމެން ބަހުގެ ތެރެއިން ނެރުނިން. އަދި ގާތްގަނޑަކަށް 30 ވަރަކަށް މީހުންނަށް އިތުރު ޒަހަމްތައް ލިބިފައިވޭ. އޭގެ ތެރޭގައި ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ މީހުން ވެސް ހިމެނޭ،" އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވާ ސީނިއާ ފުލުސް އޮފިސަރަކަށް ހަވާލާދީ އޭއެފްޕީގައި ބުނެފައިވެ އެވެ.
"ބަސް ފުރޮޅާލައިގެން އެކްސިޑެންޓު ހިނގާފައިވާ އިރު ބަސް އޮތީ އޯވާލޯޑް ކޮށްފައިކަން އަޅުގަނޑުމެން ފާހަގަކުރަން،"
ގަވާއިދާ ހިލާފަށް ދުއްވުމާއި އޯވާލޯޑް ވުމުގެ ސަބަބުން އިންޑިއާގައި ވަނީ މިފަދަ އެކްސިޑެންޓުތައް އާންމުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުވެސް މެއި މަހު އެފަދަ އެކްސިޑެންޓެއްގައި 17 މީހުން ވަނީ މަރުވެފަ އެވެ.