މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި 116 މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިރޭ ވިދާޅުވީ އެ މީހުންގެ ތެރެއިން 50 މީހަކު މި މަހުގެ ހަތް ވަނަ ދުވަހު ދޫކޮށްލާފައިވާއިރު، އިއްޔެ 10 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިރޭ އެ މީހުންގެ ތެރެއިން 56 މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ އެންމެން ވެސް ދޫކޮށްލާފައި ވަނީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހުގެ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 56 މީހުން ކަމަށެވެ.

އެ މުޒާހަރާއާ ގުޅިގެން 80 މީހެއްގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ލިރޭޝަންސް ސޮބާހު ރަޝީދު ވެސް ފުލުހުން ވަނީ ހައްޔަރުކޮށް އެ ބޭފުޅުންގެ ތަހުގީގު ހިންގަންފަށާފަ އެވެ.

މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ގިނަ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު މިހާތަނަށް އެ މައްސަލާގައި 11 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.