ފިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ ގ. ބްލޫހަޓް، މުހައްމަދު އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ހޯމް ޕްލާޒާ ފިހާރައަށް މަސްތުގެހާލަތުގައި ވަދެ، އެފިހާރައިން ސެންޓު ފުޅިއެއް ނަގައި ޖީބަށްލާފައިވާކަން އޭނާގެ އިއުތިރާފުން އެނގެން އޮންނަ ކަމަށެވެ.

ނަމަވެސް ދައުވާއަށް މުހައްމަދު އަލީ އިންކާރު ކުރުމުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި މިއީ އޭނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރު ކަމަށްވާތީ ކުށުގެ އުގޫބާތެއްގެ ގޮތުން ދެ އަހަރު ދުވަސް އަދި އޭނާ ވައްކަން ކޮށްފައިވަނީ ފިހާރައަކުން ކަމަށް ވާތީ އެއް އަހަރު ދުވަހާއެކު ޖުމްލަ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.