ރާއްޖެއަށް ބާޒާއި ބަކަމޫނާއި މުސަޅު އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ މިމަހުގެ ނުވަ ވަނަ ދުވަހު ބެންކޮކުން ރާއްޖެއައި ދިވެއްސެއްގެ އަތުން 30 ދޫންޏާއި 26 ދޫނި ބިހާއި ތިން މުސަޅު ފެނިފައިވާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސަރު އައިމިނަތު ލިއުޝާ ވިދާޅުވީ، އަތުލައިގެންފައިވާ ތަކެއްޗަކީ ނުރައްކާތެރި ދޫނިތައް ކަމަށެވެ. އެގޮތުން ރާއްޖެ އެތެރެކުރި ދޫނިތަކުގެ ތެރޭގައި ބާޒާއި ބަކަމޫނު ހިމެނޭ ކަމަށެވެ.

"މިތަކެތި ގެނެސްފައި ހުރީ އެތަކެތި ގެނައުމަށް ހާއްސަކޮށްފައިވާ ފޮށިތަކެއްގައި ބަންދުކޮށްގެން،" ލިއުޝާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ހުއްދައެއް ނެތި ދޫންޏާއި ދޫނި ބިސް ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އެތެރެކޮށްފައިވާ އެ އެއްޗިއްސަކީ މަނާ ތަކެތިކަން އެނގިހުރެ އެތެރެކޮށްފައިވާ އެއްޗެހި ކަމަށެވެ. އަދި މަނާތަކެތި ރާއްޖެއަށް އެތެރެ ކުރަނީ އޭގެން ކުރާ މަންފާ ބޮޑުވުން ކަމަށެވެ. އަދި ދޫންޏަކީ އެ ވިއްކައިގެން ބޮޑު މަންފާއެއް ލިބޭ އެއްޗެއްކަން އެނގޭތީ އެތެރެކުރާ އެއްޗެހިކަން، އެނގޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މީގެ ކުރިން ވެސް ވަނީ ރާއްޖެއަށް އެތެރެކޮށް މާލޭގެ ގޭގޭގައި "ޕެޓް"ގެ ގޮތުގައި ގެންގުޅުނު ގިނަ އަދަދެއްގެ ނުރައްކާތެރި ޖަނަވާރު ހޯދައި ނައްތާލާފަ އެވެ. އަދި އޭގެ ތެރެއިން ރާއްޖެއަށް އެތެރެ ކުރި ސްލޯ ލޮރިސް ނަމަކަށް ކިޔާ ޖަނަވާރެއް ވަނީ ބޮޑު ހަރަދެއްކޮށްގެން ރާއްޖޭން ބޭރަށް ފޮނުވާލާފަ އެވެ.