16 May 2015, 12:50
ތިރީސް ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގައި އަލަށް ޓުރެފިކް ޕޮލިހުންގެ ހިދުމަތް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ކުރިން އާންމު ފުލުހުން ޕެޓްރޯލް ކޮށް މަގުތައް ބަލަހައްޓަމުން ދިޔަ ހުޅުމާލޭގައި ޓުރެފިކް ޕޮލިހުންގެ ހިދުމަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރިކަމާ އެކު ދުއްވައި، ހިނގައި ބިނގާވެ އުޅެވޭ މަގުތަކަކަށް ހެދުމަށް ތައާރަފް ކުރި އެ ހިދުމަތް ތައާރަފް ކޮށްދެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
ފުލުހުން ބުނީ އެ ޓުރެފިކް ޕޮލިހުގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ފަށާފައިމި ވަނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާ، ހުޅުމާލޭގައި ދުއްވާ އުޅަނދުތައް ވެސް ގިނަވެ މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން އިތުރު ކުރުމަށް ހުޅުމާލޭގައި ޓްރެފިކް ފުލުހުން ބޭތިއްބުމަމީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ ކަމަށެވެ.
ހުޅުމާލޭގައި ބާރު ސުޕީޑަށް އުޅަނދު ދުއްވުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ދިމާ ވަމުން އަންނަ މައްސަލައެކެވެ. ބައެއް ފަހަރު ހިތާމަވެރި ތަފާތު އެކި އެކްސިޑެންޓްތައް ވެސް ވަނީ ހިނގާފަ އެވެ.