ވޮޝިންޓަން (މޭ 17) : އައިއެސް ޖަމާއަތުން ހިންގާ ތެލުގެ ވަގުވިޔަފާރީގެ މުއާމަލާތްތަކުގައި އެންމެ އިސްކޮށް އުޅޭ ލީޑަރުގެ ގޮތުގައި ސިފަކުރެވޭ އަބޫ ސައްޔާފް މަރާލެވިއްޖެ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި އަބޫ ސައްޔާފް މަރާލީ ބްލެކް ހޯކް މަރުކާގެ ހެލިކޮޕްޓަރާއި އޮސްޕެރީ މަރުކާގެ އަސްކަރީ މަތިންދާބޯޓެއްގެ އެހީއާ އެކު އެމެރިކާގެ ސިފައިންގެ ސްޕެޝަލް ފޯސްގައި ހިމެނޭ ކޮމާންޑޯސް ޔުނިޓެއްގެ ސިފައިންނެވެ. އައިއެސް އިން ވަގަށްނަގާ ސޫރިޔާގެ ތެޔޮ ބައިނަލްއަގްވާމީ ބާޒާރަށް ވިއްކުމުގެ ވަގުވިޔަފާރި ހިންގައިގެން އައިއެސް އަށް އާމްދަނީ ހޯދުމުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތަކީ އަބޫ ސައްޔާފް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަބޫ ސައްޔާފް މަރާލާފައި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް ކަމަށާއި އޭނާ މަރާލުމުގެ އޮޕަރޭޝަން ތަންފީޒުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސޫރިޔާގެ އިރުމަތީގެ ސަރަހައްދެއްގައި އޭނާ ޙަރަކާތްތެރިވަމުންދަނިކޮށް ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެ އެވެ.
އެމެރިކާގެ ޙަމަލާތަކެއްގައި އައިއެސް ޖަމާއަތުގެ ދެވަނަ އަށް އެންމެ އިސްލީޑަރު އަބުލްއަލާއުލްއިފްރީ މަރާލިކަމުގެ ޚަބަރު ވެސް ދާދިފަހުން ވަނީ ފެތުރިފަ އެވެ. އިފްރީ މަރާލިކަމަށް ވަނީ އިރާގުގެ އުތުރުގެ އަލްޢިޔާޟާ ސަރަހައްދުގައި އައިއެސްގެ ގިނަ އަދަދެއްގެ ކޮމާންޑަރުންނާ އަދި ހަނގުރާމަވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ކޯލިޝަނުންދިން ޙަމަލާތަކެއްގައި ކަމަށް އިރާގުން ބުނެފައިވެ އެވެ. އެޙަމަލާތަކުގައި އައިއެސް އިސް ފަނޑިޔާރެއް ކަމަށްވާ މުއްލާ މައިސިރު ވެސް މަރާލެވިފައިވާ ކަމަށް އިރާގު ސަރުކާރުން ބުނެފައިވެ އެވެ.


އެމެރިކާ އިން އައިއެސްގެ ލީޑަރުން މަރާކަމަށް ބުނި ނަމަވެސް އައިއެސް ވަކިވަރެއްގައި ދެމެހެއްޓުމަށް ޓަކައި ސިއްރިޔާތުގައި އެޖަމާއަތަށް ހަތިޔާރު ފޯރުކޮށްދީ ޑަބަލް ރޯލް ކުޅޭކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެ އެވެ. އެމެރިކާ އާއި ބާރުގަދަ ބައެއް ގައުމުތަކުން ހުރަސްއަޅާ ނަމަ އައިއެސްއަށް ސޫރިޔާގެ ތެޔޮ ބައިނަލްއަގްވާމީ ބާޒާރަށް ދިގުމުއްދަތަކަށް ނުނެރެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އަދި އިރާގު ސިފައިންގެ އަތުގައި ހުންނަ ވަރަށްވުރެ ވަރުގަދަ ހަތިޔާރު އައިއެސްގެ ހަނގުރާމަވެރިން ބޭނުންކުރާއިރު އެއީ އެމެރިކާގައި އުފައްދާފައިވާ ހަތިޔާރުކަންވެސް ކަށަވަރުވެފައިވެއެވެ. އައިއެސްއާ ދެކޮޅަށް 60 ގައުމެއް ގުޅިގެން ކޯލިޝަނެއް އުފައްދާފައިވާ އިރު އެކޯލިޝަނުން ސީރިޔަސްގޮތެއްގައި އައިއެސްގެ އަމާޒުތަކަށް ޙަމަލާދޭ ނަމަ އެޖަމާއަތަށް ބަލިކަށިކޮށްލެވޭނެ ކަމީ ކަށަވަރުކަމެއް ކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެ އެވެ.
އެމެރިކާ އިން އައިއެސް އަށް އެހީތެރިވެ އެޖަމާއަތް ދަމަހައްޓަނީ މެދުއިރުމަތީގައި އެމެރިކާ ބޭނުންވާ މަގްސަދްތަކެއް ޙާސިލް ކުރުމަށް ޓަކައި ބައެއް އިސްލާމީ ގައުމުތަކަށް ބިރު ދެއްކުމަށާއި އިސްލާމް ދީނުގެ ނަން ހުތުރު ކުރުމަށް ކަމަށް ބައެއް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)