17 May 2015, 17:27
ތަހުގީގަށް ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް މިއަދު ޖަހައިފި އެވެ.
އިމްރާން ހައްޔަރުކޮށްފައި ވަނީ މެއި މިމަހުގެ އެއްވަނަ ދުވަހުއިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ.
އިމްރާން ބަންދުގައި ބެހެއްޓުމަށް އިތުރު 10 ދުވަސް ޖަހާފައިވަނީ ކުރިން ކޯޓުން އިމްރާނުގެ ބަންދަށް ޖެހި 15 ދުވަސް މިރޭ ހަމަވާތީ އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށްހާޒިރުކުރުމުންނެވެ.
އިމްރާނުގެ ފަރާތުުން ހައިކޯޓުގައި ބަންދުގެ މައްސަލަ އިސްތިއުނާފު ކުރިނަމަވެސް ކޯޓުން ނިންމާފައި ވަނީ އިމްރާނުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ ރަނގަޅަށް ކަމަށެވެ.
އިމްރާނު ބަންދުގައި ބެހެއްޓުމަށް ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ވާގޮތުގެމަތިން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ބަލާއިރު، ތުހުމަތުކުރެވޭ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ އެމީހަކު ބަންދުގައި ބެހެއްޓިދާނެ ކަމަށެވެ.
އަދި އިމްރާންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި ކަންހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު، އިމްރާން ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށް ވެސް ހައިކޯޓުގެ އަމުރުގައި ވެއެވެ.