17 May 2015, 20:02
މިފަހަކަށް އައިސް ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ އިމުން ބޭރުވެ، ޖިނާއީ ބޮޑެތި ކުށުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ ފަރާތްތަކާ މެދު ވީއެންމެ އަވަސްމިނެއްގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މުހުތާޒު ވިދާޅުވީ، ގާނޫނު އަސާސީގެ ހަމަތަކާއި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގައި ޕީޖީ އޮފީސް ސާބިތުކަމާއެކު އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
"މިފަހަކަށްއައިސް ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ އިމުން ބޭރުވުމުގެ އިތުރުން ޖިނާއީ ބޮޑެތި ކުށްތައް ކަމުގައި ބެލެވޭ އަމަލުތައް ހިންގަމުންދާކަން ތަހުގީގީ އިދާރާތަކުން ހުށަހެޅެމުންދާ މައްސަލަތަކަށް ބެލުމުން ފާހަގަކުރެވޭ. މިދަފަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ވީ އެންމެ އަވަސްމިނެއްގައި ގާނޫނީގޮތުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އަޅުގަނޑުދެކެން،" މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައި ވަނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާގޮތުގެމަތިން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ތިންބާރުގެ، ބާރު ކަނޑުވާލަން ހިތްވަރުދީ، ދޮގު މައުލޫމާތުތައް ފަތުރައިގެން އެބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ކަމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ހައްގުގެ ނަމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންނާ ކުރިމަތިލުމަށް ގޮވާލައި އެތަންތަނުގެ މުވައްޒަފުންނަށް ހަމަލާދީ، އާންމު ބިރުވެރިކަމެއްގެ ތެރެއަށް މުޖުތަމައު ގެންދިޔުމަކީ ރާއްޖޭގައި ގާނޫނީގޮތުން ޓެރަރިޒަމްގެ އަމަލުގެ ގޮތުގައި ކަނޑައެޅިފައިވާ ކުށެއް ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދެނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގުކަމުގައިވާއިރު، އެ އެއްވެ އުޅުމުގެ ހައްގުގެ ނަމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންނާ ކުރިމަތިލުމަށް ގޮވާލައި އެތަންތަނުގެ މުވައްޒަފުންނަށް ހަމަލަދީ މާރާމާރީ ހިންގައި، އާންމު ބިރުވެރިކަމެއްގެ ތެރެއަށް މުޖުތަމައު ހުށަހެޅުމަކީ އެއްވެސް ގާނޫނަކުން ހުއްދަ ނުކުރާ ކަމެއްގެ އިތުރަށް، ރާއްޖޭގައި ގާނޫނީ ގޮތުން ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއްގެ ގޮތުގައި ދަންނަވަން،" މުހުތާޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ޓެރަރިޒަމަށް ވާގިދޭ އަމަލުތަކާއި ހަރުކަށި އަމަލުތައް ހިންގުމަށް ގޮވާލައި އެކަންކަމަށް ހިތްވަރުދިނުމަކީ ސިޔާސީ ޕާޓީއަކުން އެއްވެސް ގޮތެއްގައި ކޮށްގެން ނުވާނެ ކަމެއް ކަމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މިނިވަން މުއައްސަސާތައް ހިންގަން ތިބި ފަރާތްތަކާ މެދު ސީދާގޮތުންނާއި ނުސީދާގޮތުން ތަފާތުއެކި ތުހުމަތުތައްކޮށް، ރައްޔިތުންގެ ހިތްތަކުގައި އެތަންތަނާމެދު އިތުބާރު ނަގާލަން މަސައްކަތް ކުރުމަކީ ދައުލަތާ އިދިކޮޅު ހިންގާ ފިތުނައިގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.
"މިފަދައިން އުފެދިފައިވާ މިނިވަން މުއައްސަސާތަކާއި މިނިވަން މުއައްސަސާތައް ހިންގުމަށް ހަވާލުވެވެގެންތިބި ފަރާތްތަކާމެދު ސީދާގޮތުންނާއި ނުސީދާގޮތުން ތުހުމަތުތައްކޮށް، ދޮގު އިލްޒާމްތައްކޮށް ރައްޔިތުންގެ ހިތްތަކުގައި އެތަންތަނާ މެދު އިތުބާރުނަގާލަން މަސައްކަތް ކުރުމުގެ އަމަލުތަކަކީ ގާނޫނުތަކާ ޚިލާފު ދައުލަތާ އިދިކޮޅު އަމަލުތަކާއި ފިތުނައިގެ ތެރޭގައި ހިމެނިގެންދާނެ ކަންތައްތަކެއް ކަމުގައި ދަންނަވަން،" މުހުތާޒު ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުގެ ވެރިން ޒިންމާދާރުކޮށް ޖަވާބުދާރީކުރެވޭނެ މަގު ގާނޫނީ އިމުގެތެރެއިން ފެންނަން އޮއްވައި، ސުލްހަވެރިކަން ނަގާލައި ގާނޫނީ މުއައްސަސާތަކާ ރުޅިވެރިކަމާ އެކު ކުރިމަތިލުމަށް ގޮވާލައި ރައްޔިތުންނަށް އެކަންކަމަށް ހިތްވަރުދިނުމަކީ އެފަދަ ތަންތަނާމެދު ކުރާ ދޮގު ތުހުމަތުގެ އެއްވެސް ހަގީގީ ބުރަދަނެއް ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދިމިގްރާތީ އޮނިގަނޑު މިހާ ޅަފަތުގައި ވަނިކޮށް ގާނޫނު އަސާސީން ގެނެސްދީފައިވާ އަސްލު މަފްހޫމްތައް އޮޅުވާލުމަކީ މައުނަވީގޮތެއްގައި ގާނޫނު އަސާސީ ވީދާލުން ކަމަށެވެ. އަދި އެފަދަ ހުރިހާ ކަންކަމަށް ހުރަސްއަޅައި، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތް ކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމަށާއި އެހެންކަމުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ހައްގުތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގޭ ޖަރީމާތަކަށް އެއްވެސް ނަމެއްގައި ޖާގަ ނުދެވޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.