20 May 2015, 13:19
ބ. ކެންދޫގައި އުޅުނދުތައް އަންދާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އެ އަތޮޅު މާޅޮހު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ކެންދޫ، މޯނިން ހައުސް، އަބްދުއް ސަލާމް ޔޫސުފް، 41، ގެ ބަންދުގެ މުއްދަތު އިތުރު ކުރަން މާޅޮހު މެޖިސްޓްރޭޓް ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާ ކަމަށެވެ.
ކެންދޫ ބަނދަރުގައި އޮތް ފައިބަރު ދެ މަސް ދޯންޏާއި ލޯންޗެއްގައި ރޯކޮށްލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

ކެންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯކޮށްލާފައި
އަންދައިލި ތިން އުޅަނދުގެ އަގު ޖުމްލަ 4.3 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިވެރިން ބުނެފައިވެ އެވެ. ހުޅުޖެހުމުން އަނދައި ހުލިވި ފައިބަރު ދޯންޏަށް ލިބުނު ގެއްލުން 2.5 މިލިޔަން ރުފިޔާއަށް އަރާއިރު، 45 ފޫޓްގެ ދޯންޏަށް ލިބުނު ގެއްލުން 780000 އަރަ އެވެ. އަދި ފައިބަގްލާސް ލޯންޗަށް ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ލޯންޗުގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.