20 May 2015, 21:03
މަޝްހޫރު އޮންލައިން ސޯޝަލް މީޑިއާ، ފޭސްބުކް މެދުވެރިކޮށް ދިރާގު ޕޯސްޓްޕެއިޑް މޯބައިލު ބިލާއި، އޭޑީއެސްއެސްއެލް އިންޓަނެޓު ބިލާއި، ފިކްސްޑްލައިން ބިލާއި އަދިވެސް އެނޫންވެސް ދިރާގުގެ ބިލުތަކަށް ވަގުތުން ފައިސާ ދެއްކުމާއި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ރިލޯޑުގެ ހިދުމަތް ދިރާގުން މިއަދު ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ މުއާސަލާތީ ކުންފުނި، ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިިރާގު ފޭސްބުކް ޕޭޖު މެދުވެރިކޮށް، އެކުންފުނީގެ ކަސްޓަމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމާއި ރީލޯޑްގެ ހިދުމަތް ތައާރަފްކޮށްދެއްވީ، އެސިސްޓަންޓް މެނޭޖަރު ޕަބްލިކްރިލޭޝަންސް އިމްޖާދު ޖަލީލު އާއި އޮންލައިން މާކެޓިން އެގްޒެކެޓިވް އިބްރާހިމް ސޮބާހުއެވެ.

ދިރާގު ހެޑް އޮފީސް އިމާރާތުގައި މިއަދު ބޭއްވި ނޫސްކޮންފަރަންސުގައި އެސިސްޓަންޓް މެނޭޖަރ އިމްޖާދު ޖަލީލު އަދި އޮންލައިން މާކެޓިންގް އެގްޒެކެޓިވް އިބްރާހިމް ސޮބާހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ދިރާގު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޭސްބުކް މެދުވެރިކޮށް ދިރާގުގެ ހިދުމަތްތަކަށް ފައިސާ ދެއްކުމާއި ރިލޯޑު ކުރުމުގެ ހިދުމަތް އެކުންފުނިން ތައާރަފްކޮށްފައިވާއިރު، ޒަމާނަށް އަންނަ ކުރިއެރުމާއި ބަދަލުތަކާއި އެކު ގިނަބަޔެއްގެ ދިރިއުޅުން ވަރަށް ބޮޑަށް އޮންލައިން ސޯޝަލް މީޑިއާގެ ހިދުމަތްތައް ކަމުގައިވާ ފޭސްބުކާއި، ޓުވިޓާރ އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމުތަކާ ގުޅިފައިވާތީ، ޒަމާނީ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ.
ދިރާގުން އަލަށް ތައާރަފްކުރި ޚިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އިމްޖާދު ވިދާޅުވީ، ދިރާގު ފޭސްބުކް ޕޭޖަށް ވަޑައިގަތުމާއިއެކު 'ޕްރީޕެއިޑް ޓޮޕްއަޕް' އަދި 'ބިލް ޕޭ' ގެ ނަމުގައިވާ ދެ ޓެބް ފެނިވަޑައިގަންނަވާނެ ކަމަށެވެ.
"ފޭސްބުކް މޯބައިލް އެޕްލިކޭޝަނުން މިދެ ޓްބް ނުފެނު ކަމުގައި ވީނަމަވެސް މޯބައިލް ޑިވައިސުން ވެބް ބަރައުޒަރ މެދުވެރިކޮށް މިހިދުމަތް ހޯއްދެވޭނެ. ފޭސްބުކް މޯބައިލް އެޕްލިކޭޝަނުން މިޓެބް ނުފެންނަނީ އަދި މިހިދުމަތް ފޭސްބުކުން ފޯރުކޮށް ނުދޭތީ. ފެސްބުކުން މިހިދުމަތް ފޯރުކޮސްދޭން ފެށުމާއި އެކު އަޅުގަނޑުމެން މިއިންޓަގްރޭޝަންވެސް ހާދާނެ ވާހަކަ އުފަލާއި އެކު ދަންނަވަން،" އިމްޖާދު ވިދާޅުވިއެވެ.

ދިރާގު ފޭސްބުކް ޕޭޖް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމާއި ޕްރިޕެއިޑް ކަސްޓަމަރުންނަށް ރިލޯޑް ކުރެވޭނޭ ހިދުމަތް މިހާރުވަނީ ތައާރަފްކޮށްފައި --
ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުގެ އަމިއްލަ ނަމުގައި ނަގާފައިވާ ހިދުމަތެއް ނޫން ނަމަވެސް، ފައިސާ ދައްކަން ބޭނުންވާ އެކައުންޓު ނަންބަރު ޖެހުމަށް ފަހު ވަގުތުން ފައިސާ ދެއްކޭނޭ ކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިރާގުން ތައާރަފް މިކުރި ހިދުމަތް މެދުވެރިކޮށް ރިއަލްޓައިމްކޮން، ބޭނުންފުޅު ކޮންމެ ވަގުތެއްގައި ދިރާގު ޕޯސްޓްޕެއިޑް ކޮންމެ ބިލަކަށް ފޭސްބުކުން މެދުވެރިކޮށް ފައިސާދެއްކޭނެ ކަމަށެވެ.
"ގިނައަދަދެއްގެ ބޭފުޅުން ބުރަކޮށް މަސައްކަތުގައި އުޅުއްވާއިރު ދިރާގު ބިލު ދައްކަވަން ނުވަތަ ރިލޯޑުކުރައްވަން ފިހާރައަކަށް ނުވަތަ ދިރާގު ކަސްޓަމަރ ފްރަންޓު އޮފީހަށް ޒިޔާރަތް ކުރައްވާކަށް މިހާރު ނުޖެހޭނެ. މިހިދުމަތް އަޅުގަނޑުމެންނާއި އެންމެ ރަހުމަތްތެރި ފޭސްބުކް މެދުވެރިކޮށް ރަސްމީ ބަންދު ވަގުތުތަކުގައިވެސް ބޭނުން ކުރެއްވޭނެއެވެ،" އިމްޖާދު ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ، ފޭސްބުކް ނޫން އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށްވެސް ދިރާގުން މިފަދަ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން ދާވަހަ އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.