22 May 2015, 20:32
މައްސަލަ ޖެހުނު ލައިފް ފެނުގެ ބެޗް ވިއްކުން މަނާކޮށް އެ ފެން ބޭނުން ނުކުރުމަށް ފުޑް އެންޑް ޑުރަގް އޮތޯރިޓީ އިން އަންގައިފި އެވެ.
އެއޮތޯރިޓީ އިން ނެރެފައިވާ "ފުޑް އެލާޓް"ގައި ބުނެފައި ވަނީ ލައިފް ފެނުގައި ބޯފެނުގައި ހުރުން އެކަށީގެންނުވާ ވަހާއި ކުނޑި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އެ މައްސަލަ ދިމާވެފައި ވަނީ ލައިފް ފެނުގެ ބެޗު ނަމްބަރު 226ގައި ކަމަށް ވުމުން އެބެޗުގެ ފެން ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެއޮތޯރިޓީ އިން ވަނީ އަންގާފަ އެވެ.
"އެއްވެސް ވަހެއް ނުވަތަ ކުނޑިއެއް ވެސް އަދި މިނޫންވެސް އިތުރު އެއްޗެއްގެ އަސަރު ހުރިކަން ފާހަގަ ކުރެވޭ ލައިފް ބްރޭންޑުގެ ފެން ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ދެންނެވީމެވެ،" އެފުޑް އެލާޓުގައި ބުނެފައިވެ އެވެ.
ލައިފް ފެނުން ފެނުނު ތަކެތި ދިރާސާ ކުރަމުންދާ ކަމަށާއި އެބުރޭންޑުގެ ފެނުން އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ވީހާ ވެސް އަވަހަށް އެންގުމަށް އެތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ލައިފް ފެނަކީ އިންޓަނޭޝަނަލް ބެވެރޭޖާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގައި އުފައްދައިގެން ގިނަ އަދަދަކަށް ބާޒާރުގައި ވިއްކަމުންދާ ފެނެކެވެ.
އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.