ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ފާރުގަނޑުތައް ނައްތާލުމުގައި އަމަލުކުރަން ޖެހޭ ރަނގަޅު ގޮތްތައް ދަސްކޮށްދިނުމުގެ ވޯކްޝޮޕެއް ވުންޑް ކެއާ މެނޭޖްމަންޓުން ފަށައިފި އެވެ.

ހޮޓެލް ޖެންގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ރާއްޖޭގެ އެކި ރީޖަނަލް ހޮސްޕިޓަލް ތަކުން 90 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެ އެވެ.

ވުންޑް ކެއާ އެސޯސިއޭޝަންގެ އެކަޑަމިކް ސެކެރެޓަރީ ޑރ. މުހައްމަދު ވަހީދު ވިދާޅުވީ، އެ ވޯކްޝޮޕްގައި ހަށިގަނޑުގައި އުފެދޭ ފާރުތަކަށް ފަރުވާ ކުރެވިދާނެ "އެޑްވާންސް" ގޮތްތައް ކިޔައިދޭނެ ކަމަށެވެ.

ވުންޑް ކެއާ އެސޯސިއޭޝަންގެ އެކަޑަމިކް ސެކެޓްރީ ޑރ. މުހައްމަދު ވަހީދު މީޑިއާއަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހަށިގަނޑުގައި އުފެދޭ ފާރުތަކަށް ފަރުވާ ދިނުމުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން މިދަނީ. މިހާރު ރާއްޖޭގައި މި ކުރަނީ ވަރަށް ކުރީގައި ފަރުވާދެމުން އައި ގޮތަކަށް. އެހެންވީމަ ވޯކްޝޮޕްގެ މަގްސަދަކީ އެ ކަންކަން ސިއްހީ ދާއިރާގައި އުޅޭ މީހުންނަށް ކިޔައިދީ ފަރުވޭ ދޭ އުސޫލަށް ބަދަލެއް ގެނައުން،" ޑރ. ވަހީދު ވިދާޅުވި އެވެ.

އެ ވޯކްޝޮޕްގައި މައުލޫމާތު ދެއްވަނީ މެލޭޝިއާގެ ވުންޑް ކެއާ އެސޯސިއޭޝަންގެ ބޭފުޅަކާއި ސިންގަޕޫރުގެ ވުންޑްކެއާ މެނޭޖްމަންޓްގެ ބޭފުޅެއްގެ އިތުރުން ކުއަލަމްޕޫރުގެ ޖެނެރަލް ހޮސްޕިޓަލްގެ ބޭފުޅެކެވެ.