މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ކުށްސާބިތުވި މީހަކު ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމް ކޮށްފައި ވަނީ ސ. ހުޅުދޫ އޯކިޑްފެހި، މަސްދޫގްގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ޝަރީއަތުން ބެލިބެލުމުން 2012 އޭޕްރިލް، މަހު 1 ވަނަ ދުވަހު މ. ސިލްވަރޝާކް ގޭގެ ކޮޓަރިއެއްތެރޭ މާރާމާރީ ހިންގާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކޮޓަރިއަށް ވަން އިރު، މަސްދޫގާއި އިތުރު މީހަކު އޭރު އެކޮޓަރީގައި ތިބި ކަމަށެވެ. އަދި އެ ދެމީހުން ހައްޔަރު ކުރަން އުޅުނު ވަގުތު މަސްދޫގް ލައިގެން ހުރި ޖިންސްގެ ޖީބުގެ ތެރެއިން 10 ގުޅަ އޮތް ބޭސްކާޑެއް ކޮޓަރި ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ.

އެ ބޭސްގުޅަ ތަކުގައި އެއް ގްރާމް ހުރި އިރު، އެ ބޭސްތައް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ނައިޓްރަޒިޕާމް ހުރި ކަމަށް ސާބިތުވާ ކަމަށް ކޯޓު ހުކުމުގައިވެ އެވެ. އަދި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން މަސްވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށް ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުން މަސްދޫގް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެކުށުގެ އުގޫބާތެއްގެ ގޮތުން 10 އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި އިއްޔެ އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދައްކާ ހަލާސް ކުރަން ވެސް އޭނާގެ މައްޗަށް ވަނީ އަންގާފަ އެވެ.