ހުޅުމާލޭ ފެރީއަކުން ފައިބަން އުޅުމުގެ ތެރޭގައި ސައިކަލާއެކު މީހަކު މޫދަށް ވެއްޓިއްޖެއެވެ.

އެމްޓީސީސީގެ ހުޅުމާލޭ ސީނިއާ މެނޭޖަރު މުހައްމަދު ނާޒިމް މިއަދު ސަން އަށް ވިދާޅުވީ މިއަދު 2:00 ގައި ހުޅުމާލެއިން މާލެ އައި ފެރީއަކުން އެއާބުލޭޑް ސައިކަލެއްގައި މީހަކު ފޭބުމަށްފަހު އަނބުރާލުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ސައިކަލާ އެކު އެމިހާ މޫދަށް ވެއްޓިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

"ކަސްޓަމަރު އަމިއްލައަށް ރޭމްޕްމަތިން ފޭބުމަށްފަހު އަނބުރާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެން އޭނަޔާއެކު ސައިކަލް މޫދަށް ވެއްޓުނީ،" ނާޒިމް ވިދާޅުވިއެވެ.

އެސައިކަލް މޫދަށް ވެއްޓުމާއެކު އެމްޓީސީސީގެ މުވައްޒަފުން ސައިކަލާއި އެމީހާ މޫދުން ނަގައި ސައިކަލަށް ފެން ޖަހާ ހަދާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެސައިކަލް ދުއްވަން އިނީ ލައިސެންސް އޮތް މެދު އުމުރުގެ ފިރިހެނެއް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެމްޓީސީސީއިން އާންމުކޮށް އިއުލާން ކޮށްފައިވާ ގޮތުގައި ސައިކަލް ފެރީއަށް އަރުވައި ބޭލުމާއި ގެންދިއުމުގައި ރައްކާތެރިގޮތެއްގައި ސައިކަލް ބެލެހެއްޓުމަކީ ސައިކަލްގެ ވެރިފަރާތުގެ ޒިންމާއެކެވެ.