27 May 2015, 20:11
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީފައިނަލް ދެ ވަނަ މެޗްގައި އަފްގާނިސްތާން އަތުން ތިން ސެޓް ދެ ސެޓުން މޮޅުވެ ރާއްޖެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބަނގުލަދޭޝްގެ ޑާކާގައި ކުރިއަށް ދާ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްގެ ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ އަފްގާނިސްތާން ޓީމެވެ. އެގޮތުން ފުރަތަމަ ސެޓް 25-23 ން މޮޅުވިއިރު ދެ ވަނަ ސެޓް ކާމިޔާބުކޮށްފައި ވަނީ 25-17 އިންނެވެ.
ތިން ވަނަ ސެޓް ރާއްޖެ ކާމިޔަބު ކުރީ 25-17 އިންނެވެ. އަދި ހަތަރު ވަނަ ސެޓް ރާއްޖެ ކާމިޔާބު ކުރީ 25-18 އިންނެވެ.
މެޗްގެ ފަސް ވަނަ ސެޓް އަދި ރާއްޖެ މެޗުން މޮޅުވި ސެޓް ކާމިޔާބު ކުރީ 15-12 އިންނެވެ.
ފައިނަލްގައި ރާއްޖެ ބައްދަލު ކުރާނީ މިއަދު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗްގައި ނޭޕާލާ ވާދަކޮށް ތިން ސެޓުން މޮޅުވި ތުރުކުމިނިސްތާނާ ދެކޮޅަށެވެ.
ފައިނަލް މެޗް އޮންނާނީ ރާއްޖޭގެ ގަޑިން މާދަމާ ހަވީރު 5:00 ގައެވެ.