މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް އަމާޒު ކޮށްގެން ފުރަތަމަ ފަހަރަށް ގުރުއާން މުބާރާތެއް ފަށައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު އާތިފު ވިދާޅުވީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި މިއަދު ފެށި އެ މުބާރާތް މިރޭގެ ނިޔަލަށް ކުރިއަށް ދާއިރު އެ މުބާރާތުގައި ޖުމްލަ 26 ފަރާތަކުން ބައިވެރި ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މުބާރާތުގައި އެމްޕީއެލްގެ ތިން މުވައްޒަފަކު ބައިވެރިވެެފައިވާއިރު ދެންތިބި ބައިވެރީންނަކީ މުވައްޒަފުންގެ އާއިލާގެ މެންބަރުން ކަމަށެވެ.

މިއީ އެފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަމުން މި މުބާރާތުގެ ބައިވެރިންގެ އަދަދާ މެދު ހިތްހަމަ ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގައުމީ މުބާރާތާ އެއް ގޮތަކަށް އުމުރު ފުރާތަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެންމެ ދަށް އުމުރުފުރައަކީ ހަތް އަހަރެވެ.

ގުރުއާން މުބާރާތުގެ ވަނަތަކަށް އަންނަ ފަރާތްތަކަށް އަގުހުރި އިނާމުތައް ހަމަޖައްސާފައިވާއިރު މުވައްޒަފުންގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް އުމްރާ ދަތުރެއް ހަމަޖައްސާފައިވެއެވެ. އަދި އާއިލާގެ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމު ވަނީ ހަމަޖައްސާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، އެފަދަ މުބާރާތެއް ބޭއްވުމަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާވެ ރަނގަޅު އާދަތައް ހަރުލެއްވުމަށް ބޭއްވޭ ވަރަށް މާތް ހަރަކާތެއް ކަމަށެވެ.