ވާރޭވެހުމާ އެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލޭގައި ފެން ބޮޑުވާ މައްސަލަ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހައްލުވާނެ ކަމަށް އެ މަސައްކަތްކުރާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ އެމްޑަބްލިޔްއެސްސީގެ އެސިސްޓެންޓް މެނޭޖަރު މާކެޓިން އިބްރާހިމް އަކުރަމް މިއަދު ސަން އަށް ވިދާޅުވީ، ފެންހިންދާ ނިޒާމްތައް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިމަހު 21 ފެށިގެން ކުރަމުންދާއިރު އެމަޝްރޫގެ ދަށުން އަންނަ ޑިސެމްބަރު ނިޔަލަށް މާލޭގެ ފަސް ސަރަހައްދެއްގައި ފެންހިންދާ ނިޒާމް ގާއިމް ކުރެވޭނެ ކަމަށެވެ.

އެކުންފުނީގެ އަމާޒަކީ ކުރިއަށްއޮތް ހަތަރު މަސް ތެރޭ މަސައްކަތް ނިންމުން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އެ ފަސް ސަރަހައްދަކީ އާންމުކޮށް ފެންބޮޑުވާ ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ހުޅުމާލޭ ފެރީ ޓާމިނަލް އާއި މާލޭ ހުޅަނގު ދެކުނު ސަރަހައްދު އަދި ހައުސިން މިނިސްޓްރީ ސަރަހައްދެވެ.

"އޭރުން މާލޭގައި ފެން ބޮޑުވުން ވަރަށް ބޮޑަށް ހައްލުވާނެ، މައިގަނޑުކޮށް މާލެ ވަށައިގެން ފެންހެދޭ ހުރިހާ ދިމާލަކަށް ސޮލިއުޝަންތައް މިދެނީ އޭގެ ތެރެއިން،" އަކްރަމް ވިދާޅުވި އެވެ.

އެމަޝްރޫގެ ދަށުން މިހާރު އައިޖީއެމްއެޗްކައިރި މަސައްކަތް ކުރަމުންދާ އިރު އެސަރަހައްދުތަކުގެ ކާނުތައް ބޭނުންކުރުމުގެ އިތުރުން ކޮންމެ ސަރަހައްދެއްގައި ހާއްސަ ޖަންގްޝަންތަކެއް ގާއިމްކޮށް ފެން ހިންދާ ނިޒާމް ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގިޔާސުއްދީން ސްކޫލާއި ކަޅުތުއްކަލާކޮށީގެ އިތުރުން ސޯޝަލްސެންޓާ ސަރަހައްދުގައި ވަނީ އެފަދަ ފެންހިންދާ ނިޒާމްތަކެއް ގާއިމްކޮށްފަ އެވެ. އެކަމުގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުންނެވެ.