ބަޣްދާދު (ޖޫން 2) : އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް އަމިއްލައަށް މަރުވެގެން ކުއްލި ހަމަލާތަކެއް ދީ އިރާގުގެ ފުލުހުންގެ 45 މީހުން މަރާލައިފި އެވެ.

އައިއެސްގެ ހަނގުރާމަވެރިން މިޙަމަލާތައް ދީފައިވަނީ ގޮވާތަކެތި އަޅައި ބަރާކޮށްފައިވާ ތިން ކާރު ގޮއްވާލައި އަމިއްލައަށް މަރުވެގެންނެވެ. މިތިން ކާރު ގޮއްވާލައިގެން ޙަމަލާތައް ދީފައިވަނީ އިރާގުގެ ފަލޫޖާއާއި ސާމައްރާ ދެމެދުގައިވާ މަގުގައިވާ އިރާގުގެ މަރުކަޒަކަށެވެ. އެވަގުތު މިމަރުކަޒުގައި އިރާގު ގިނައަދަދެއްގެ ފުލުހުން ހަރަކާތްތެރި ވަމުންދިޔަކަމަށާ މަރުވި ފުލުހުންގެ އަދަދު ގިނަވީ މިކަމުގެ ސަބަބުން ކަމަށް އިރާގު ފުލުހުންގެ ބަޔާނެއް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިއެސްގެ ތިން ހަނގުރާމަވެރިއަކު އަމިއްލަ އަށް މަރުވެގެން ދިން މިޙަމަލާތަކުގައި މަރުވި އިރާގުގެ ފުލުހުންގެ ތެރޭގައި ގިނަ އަދަދެއްގެ އިސް އޮފިސަރުން ވެސް ހިމެނެ އެވެ. އިރާގު ސަރުކާރުން ވަނީ މިއީ ގަތްލުއާންމެއް ކަމަށް ސިފަކޮށްފަ އެވެ. އައިއެސް އިން މި ހަމަލާދީފައި މިވަނީ އިރާގުގެ މެދުތެރޭގެ ބޮޑު ސިޓީއެއް ކަމަށްވާ ރަމާދީ އައިއެސް އިން ހިފިތާ ވިއްސަކަށް ދުވަހުގެ ތެރޭގަ އެވެ. ރަމާދީ އައިއެސްގެ އަތްދަށަށް ދިޔުމަކީ އެޖަމާއަތުގެ ކުރިމަތީގައި އިރާގުސިފައިން ބަލިވެގެންދިޔަ ދިޔަ ދިޔުމެއް ކަމަށްވަނީ ބެލެވިފަ އެވެ. ރަމާދީ އަލުން އައިއެސްގެ އަތްދަށުން މިނިވަންކުރުމަށް ޓަކައި އިރާގު ސިފައިންނާއި އިރާގު ސަރުކާރަށް ތާއީދުކުރާ މިލީޝިޔާތަކުން ވަނީ އަސްކަރީ އޮޕަރޭޝަނެއް ފަށާފަ އެވެ.

މިއޮރޭޝަން އިރާގަށް ނާކާމިޔާބުވެއްޖެ ނަމަ އައިއެސް ބަޣްދާދަށް އަރައިގަންނާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. މިއަސްކަރީ އޮރޭޝަން އިރާގަށް ކާމިޔާބުކޮށްދިނުމަށް ޓަކައި އެމެރިކާ ވަނީ ދެހާސް ރޮކެޓްގެ ޝިޕްމަންޓެއް އިރާގަށް ފޮނުވާފަ އެވެ. މީގެ ތެރެއިން އެއްހާސް ރޮކެޓް މިއަދު އިރާގު ސަރުކާރާ ޙަވާލުކުރާނެ ކަމަށާ އެނެއްބައި ރޮކެޓް އައިއެސްއާ އިދިކޮޅު ކޯލިޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ޕެންޓަގަން އިން ބުނެ އެވެ. އެމެރިކާ ފޮނުވި ރޮކެޓްތަކަކީ ޓޭންކާއި އެނޫންވެސް އަސްކަރީ ވެހިކަލްތައް ގޮއްވާލުމުގެ ގާބިލްކަން ލިބިފައިވާ ރޮކެޓްތަކެކެވެ. ގޮވާތަކެތި އަޅައިގެން ގޮއްވާލުމަށް ހަރަކާތްތެރިވާ ވެހިކަލްތައް އޭގެ އަމާޒަށް ވާސިލް ވުމުގެ ކުރިން ގޮއްވާލުމުގެ ގާބިލްކަން މިރޮކެޓްތަކަށް ލިބިފައިވާ ކަމަށް ވެއެވެ. (ބީބީސީ)