ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ނިމެންދެން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.

އިމްރާން ޝަރީއަތްނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ، މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވި އެވެ.

އިމްރާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނީ ދައުލަތުން އެގޮތަށް ކޯޓުގައި އެދިމުންނެވެ. ޝަރީއަތް ނިމެންދެން އިމްރާން ބަންދުގައި ބަހައްޓަން ދައުލަތުން އެދުނީ އޭނާ އަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހަކަށް ބުނެއެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދުދެއްވައި އިމްރާންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މީގެ ކުރިން އިމްރާނު ބަންދުގައި ބެއްހެއްޓުމަށް ކްރިމިނަލް ކޯޓުން ދެފަހަރެއްގެ މަތިން ކުރި ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިމްރާނުގެ ސިއްހީ ހާލުކޮށްޅަށް ބަލައި ގޭ ބަންދަށް ބަދަލު ކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ހުސްނުއްސުއޫދު ފާހަގަކުރެއްވި ވާހަކަފުޅަށް ޖަވާބުދެއްވަމުން ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ މީގެ ކުރިން އިމްރާނު ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން އަންގާފައިވަނީ ތަހުގީގު މަރުހަލާގައި ކަމަށެވެ. ނަމަވެސް މިހާރު މިއީ ޝަރީއަތުގެ މަރުހަލާ ކަމަށާއި ދައުވާ އުފުލިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް ތަފާތުވާނެ ކަމަށެވެ.

މީގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިމްރާނު ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ދެފަހަރެއްގެ މަތިން މުއްދަތު ޖެހުމުން އިމްރާނުގެ ފަރާތުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުން އިމްރާން ގޭބަންދަށް ބަދަލުކުރުމަށް ހުކުމް ކުރި ފަހުން ކްރިމިނަލް ކޯޓުން ވަނީ ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އިމްރާން ދޫކޮށްލާފައެވެ.

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކަށް ފުލުހުން އިމްރާން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.