ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު ހަތަރު މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 3607 އަހްމަދު ޖުނައިދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ފުލުހުންގެ އެންގުމަށް ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރުކޮށްފައިވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު މާލޭ ކަސްޓޯޑިއަލަށް ހާޒިރުކޮށް ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން ޖުނައިދު އެކަމަށް އިންކާރުކޮށްފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

މާސްތުވާތަކެއްޗާ ބެހޭ އާ ގާނޫނު ވުޖޫދަށް އައުމާ އެކު ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރުކުރާ މީހުންނާ ދެކޮޅަށް ދައުވާ އުފުލަނީ އެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުމެވެ.