ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް ރާއްޖޭގެ ސޮކަ ވެޓެރަންސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ މުބާރާތް އިންޑިޕެންޑެންސް ގޯލްޑަން ޖޫބިލީ ގްލޯބަލް ވެޓެރަންސް ފުޓްބޯލް މުބާރާތުގައި މިރޭ ސިންގަޕޫރާއި ދެކޮޅަށް ނިކުންނައިރު ކުރީގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަ މޫސަ) އަށް އަނިޔާގެ ސަބުބުން ނުކުޅެވިދާނެ ކަމަށް ރާއްޖޭގެ ޓީމްގެ ކޯޗް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކޯޗް ސައްޔިދު ޢަލީ ބުނެފިއެވެ.

ސަން އަށް މަޢުލުމާތު ދެމުން ސައްޔިދު ބުނީ މޫސައަށް އަނިޔާވުން ފިޔަވައި ރާއްޖޭގެ ޓީމްގައި އެހެން މައްސަލައެއް ނެތް ކަމަށާއި މެޗަށް ނިކުންނަނީ ސިންގަޕޫރު ބަލިކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ.

ކުޑަ މޫސަ އަށް އަނިޔާވެފައިވުމާ ގުޅިގެން އަދި ރާއްޖޭގެ ޓީމްގެ ކެޕްޓަނަކީ ކޮން ކުޅުންތެރިޔެއް ކަން އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމެޗްގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ކުޅުން ފެނިގެން ދާތީ ގިނަ ބަޔަކު ދަނޑަށް ވަދެ ޓީމަށް ސަޕޯޓު ކުރުމަށް އެދޭ ކަމަށް ސައްޔިދު ވިދާޅުވިއެވެ.

އެމުބާރާތުގައި ހަ ގައުމަކުން ވަނީ ޓީމްތައް ބައިވެރިވެފައެވެ. ރާއްޖެ ހިމެނޭ ގުރޫޕް އޭ ގައި ހިމެނެނީ ރާއްޖެއާއި ސިންގަޕުރުގެ އިތުރުން އިންޑޮނޭޝިއާއެވެ.

ގުރޫޕް ބީގައި ހިމެނެނީ އިންޑިއާ، މެލޭޝިއާ އަދި ބުރުނާއީއެވެ.