04 Jun 2015, 12:05
ނެސްލޭ އިންޑިއާ ކުންފުނިން އުފައްދާ "މެގީ ނޫޑްލްސް" ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދޭތޯ ބެލުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ)އިން ފަށައިފި އެވެ.
"މެގީ ނޫޑްލްސް"ގައި ސިއްހީ ގޮތުން ރައްކާތެރި ނޫން މިންވަރަކަށް "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ" އާއި ލެޑް އެކުލެވިފައިވާކަން ތަހުލީލުތަކުން ހާމަވުމާ ގުޅިގެން އިންޑިއާގެ ވެރިރަށް ދިއްލީގައި ވަނީ 15 ދުވަހަށް މެގީ ނޫޑްލްސް ވިއްކުން މަނާ ކޮށްފަ އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު 'ސަން' އަށް މިއަދު ވިދާޅުވީ އެކި ގައުމުތަކުން ރާއްޖެއަށް އެތެރެ ކުރާ މެގީ ނޫޑްލްސްގެ ސާމްޕަލްތައް ނެގުމަށްފަހު، މައްސަލައެއް އުޅޭތޯ ބަލަމުންދާ ކަމަށެވެ. ރާއްޖެއަށް އެތެރެ ކުރާ މެގީ ނޫޓުލްސްގެ ތެރޭގައި އިންޑިއާގައި އުފައްދާ ނޫޓުލްސް ހިމެނޭ ކަމެއް ކަށަވަރެއް ނޫނެވެ.
ދިއްލީ ސަރަހައްދީ ސަރުކާރުގެ ހެލްތު މިނިސްޓަރު ސަތިޔަންދުރާ ޖެއިން ވަނީ، އެ ސްޓޭޓްގައި މިވަގުތު ވިއްކުމަށް ނެރެފައިވާ މެގީ ނޫޑްލްސްގެ ސްޓޮކް ވިއްކުން ވަގުތުން ހުއްޓާލުމަށާއި އަދި ރަނގަޅަށް ކޮލިޓީ ޓެސްޓް ހެދުމަށް ފަހު، އާ ސްޓޮކް ބާޒާރަށް ނެރުމަށް "ނެސްލޭ އިންޑީއާ"އަށް ގޮވާލައްވައިފަ އެވެ.
"މެގީ ނޫޑްލްސް"ގައި ކާބޯތަކެތީގެ ރަހަ މީރުކުރުމަށް ބޭނުންކުރާ "މޮނޮސޯޑިއަމް-ގުލްޓަމޭޓް" ނުވަތަ "އެމްއެސްޖީ" އާއި ކެމިކަލްގެ ބާވަތެއް ކަމުގައިވާ ތިމަރަ އާދަޔާޚިލާފަށް އެކުލެވޭ ކަމަށް ތުހުމަތުކުރެވިގެން އޭގެ ނޫޑްލުސް ތަހްލީލު ކުރި އިރު 13 ޕެކެޓުގެ ތެރެއިން 10 ޕެކެޓްގައި އާދަޔާ ޚިލާފަށް ކެމިކަލްގެ އަސަރު ހުރިކަމަށް ދިއްލީ ސަރަހައްދީ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން އިންޑިއާގައި ބޭނުންކުރާ ހުރިހާ ބްރޭންޑެއްގެ ނޫޑްލުސްތައް އަލުން ޓެސްޓުކުރުމަށް ސަރަހައްދީ ސަރުކާރަށް ހެލްތު މިނިސްޓަރު ގޮވައިލެއްވި އެވެ.
ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މެގީ ނޫޑްލްސް ބޭނުން ކުރާއިރު، އެ ގަނެވޭ ނޫޑްލްސްއަކީ ކޮންތަނަކުން އުފައްދާފައިވާ ރައްކާތެރި ތަކެތި ތޯ ބެލުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެެވެ.