ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތަށް ގޮސްފައިވަނިކޮށް، އެ މައްސަލަ ބެއްލެވި ގާޒީ ބަދަލު ކުރިތާ ހަފްތާއެއް ނުވަނީސް އަރުހަމްގެ މަރުގެ ދައުވާ ލިބޭ މއ. ސީނަރީވިޔު އާތިފް ރަޝީދު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، އަރުހަމްގެ މަރުގެ ޝަރީއަތް އެންމެ ފުރަތަމަ ބެއްލެވީ ގާޒީ މުހުތާޒު ފަހުމީ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އަބްދުﷲ ދީދީ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ކުރިން ބެއްލެވި ގާޒީ ބަދަލުކޮށްފައި ވަނީ ގާޒީ ބަދަލުކޮށްދިނުމަށް އެދި އާތިފު ރަޝީދުގެ އާއިލާގެ މީހަކު ކޯޓުގައި އެދުމުންނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ އާތިފު ދޫކޮށްލާފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ކޯޓުން ދީފައެއްނުވެ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އާތިފުގެ އިތުރުން ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނާއި އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.

އެ މައްސަލައިގެ ދައުވާ ލިބޭ ހުރިހާ ފަރާތްތަށްވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލު ވިދާޅުވެފައި ވަނީ އެ މީހުން ފުލުހުންގެ ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ.

އެކަމާއި ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ވީ ފުލުހުންގެ ބަންދު ނޫން އެހެން ބަންދަކަށް އެމީހުން ބަދަލުކުރުމަށް ދައުލަތުން ބޭނުންނުވާ ކަމަށެވެ. މިއަދު އާތިފް ރަޝީދު ދޫކޮށްލާފައި މި ވަނީ ދައުލަތުން އެހެން އެދިފައި ވަނިކޮށެވެ.

މީގެ ކުރިން މީހަކު މަރާލިކަން ސާބިތުވެ ޖަލަށް ލާފައިވާ ޝަހުމް އާދަމް ފަޅުރަށެއްގައި ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި އާތިފުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. އަދި އޭގ ހަފްތާއެއްފަހުން އޭނާ ހައްޔަރު ކުރީ އަރުހަމް މަރާލި މައްސަލައިގަ އެވެ.