އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިއްގަރު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތައް ވެސް ގާނޫނީ އިމުގެ ތެރެއިން ހިންގުމަށް އެދޭ ކަމަށެވެ.

އިލެކްޝަނުގެ ބަޔާނުގައި ވަނީ ކެންޑީޑޭޓުންނަށް ތާއީދު ހޯދުމަށް ރާވާ ހިންގާ ހުރިހާ ހަރަކާތެއް ވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 28 އަދި 29 ވަނަ މާއްދާއާ ހިލާފު ނުވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފަ އެވެ.

އިންތިހާބު ތަކާ ބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެވެސް ފަރާތަކުން ކޮށްގެން ނުވާނެ އެވެ. އަދި އެހެން ކެންޑިޑޭޓުންނާއި ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ނުވާނެ އެވެ.

ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިސް މައުމޫނާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މ. މަޑުއްވަރީ ކާނިގޭ އަހްމަދު ރާޒީއާ އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސް މޫސާ ނަސީރު އަހުމަދާއި މ. މަޑުއްވަރީ ފީރޯސް ޝަމީމް އަލީ އެވެ.