07 Jun 2015, 14:41
އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯޖީ) ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯލް ޓީމް އިތުރު ތަމްރީން ހޯދުމަށްޓަކައި އިންޑިއާއަށް ފުރައިފިއެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދުﷲ ސަލީމް (ސައްލޭ) ސަން އަށް ވިދާޅުވީ، ޓީމްގައި 16 ކުޅުންތެރިން ހިމެނޭއިރު އިންޑިއާއަށް ދާން ފުރުސަތު ލިބުނީ 13 ކުޅުންތެރިން ކަމަށާއި ދެން ތިބި ހަތަރު ކުޅުންތެރިންނަށް ނުދެވުނީ ރިލީޒް ނުލިބުމުން ކަމަށެވެ.
ސައްލޭ ވިދާލުވީ ރާއްޖޭގެ ޓީމްގެ ކޯޗްގެ ގޮތުގައި ހަމަޖައްސާފައިވާ އިންޑިއާ ޗެންނާއީގެ ސަޢީދު މުސްޠޮފާ، ޗެންނާއީ އިން ޓީމާ ގުޅެން ހަމަޖެހިފައިވާ ކަމަށެވެ.
އިންޑިއާގައި ޓީމް 10 ދުވަހުގެ ޓްރޭނިންގ ކޭމްޕެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އޯގަސްޓް 1 އިން 8 ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯޖީގައި ބައިވެރިވާ ރާއްޖޭގެ ހޭންޑްބޯލް އަންހެން ޓީމް ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރީޔުނިއަންއާއި ޝީސެލްސް އަދި މައުރީސްއާއެކު ގުރޫޕް ބީ ގައެވެ.