08 Jun 2015, 10:25
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް ފަރުވާދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ޝެއިހް އިމްރާނަށް ރޭ ފަރުވާދީފައިވާ ކަމަށެވެ. އިމްރާނުގެ ހާލު ސީރިއަސްއެއް ނޫނެވެ.
ސަން އަށް އެނގިފައިވާގޮތުގައި އިމްރާނަށް ފަރުވާދީފައި ވަނީ ފުލުހުންގެ ކްލިނިކް "ނޫސަންދަ" އިންނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިންނެވެ. ނަމަވެސް ފަރުވާދިނީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.
ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އިމްރާން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޝަރީއަތް ނިމެންދެން އިމްރާން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ، މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް، އޭނާގެ ޝަރީއަތް ކުރިއަށް ގެންދާ ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައެވެ.