އެމެރިކާގެ ނިއުޔޯކް ސްޓޭޓްގައި ހުންނަ ސަލާމަތީ ކަންތައްތައް އެންމެ ވަރުގަދަ ޖަލުން ފިލި ދެމީހަކު ހޯދުމަށް، އެމީހުންނާ ބެހޭ މައުލޫމާތެއް ދޭ މީހަކަށް 100،000 ޑޮލަރުގެ އިނާމެއް ދޭނެކަން އެ ސްޓޭޓްގެ ގަވަރުނަރު އިއުލާން ކުރައްވައިފި އެވެ.

ބީބީސީ ބުނީ މީހުން މެރުމުގެ ކުށުގައި ޖަލަށް ލާފައި ތިއްބައި ފިލި އުމުން 48 އަހަރުގެ ރިޗަޑް މެޓް އާއި 34 އަހަރުގެ ޑޭވިޑް ސްވެޓް ފިލި ހާދިސާއަކީ ބޮޑު ކާރިސާއެއްގެ ގޮތުގައި ގަވަރުނަރު އެންޑްރޫ ކޫމޯ އިއްޔެ ސިފަކުރައްވާފައިވާ ކަމަށެވެ.

"...މިމީހުންނަކީ ނުރައްކާތެރި ޖަރީމާތައް ހިންގުމުގެ ކުޅަދާނަކަން ހުރި މީހުން،" ޖަލުން ފިލި ދެމީހުންނާއި ބެހޭ ގޮތުން ގަވަރުނަރު ކޫމޯ ވިދާޅުވިކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ކޫމޯ ވިދާޅުވެފައި ވަނީ އެދެމީހުން ފިލި ޖަލުން ފާއިތުވި 150 އަހަރުގެ ތެރޭގައި ވެސް ކުށްވެރިއަކު ފިލާފައި ނުވާ ކަމަށެވެ.

ނިއުޔޯކް ޕޯސްޓް ނޫހުން ބުނީ އެ ދެމީހުން ޖަލުން ފިލީ އެމީހުން ތިބި ގޮޅިތަކުގެ ދަގަނޑު ފާރުތައް ކީހާލައި، އެތަނަށް ގުޅާފައިވާ ހޮޅިތަކަކާއި ޓަނަލް ތަކަކަށް ވަދެގެން، މަގުމަތީގައިވާ ފެންހިންދާ ވަޅުގަނޑަކުން އަރައިގެން ކަމަށެވެ.