09 Jun 2015, 14:24
އަންނަ ހުކުރު ދުވަހު، ވޯލްޑް ކަޕް 2018ގެ ކޮލިފިކޭޝަންގައި ރާއްޖެއާއި ގަތަރު ވާދަކުރާ މެޗުގެ ޓިކެޓް މިރޭ ވިއްކަން ފަށާނޭކަމަށް އެފްއޭއެމުން ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ މީޑިއާ އޮފިޝަލް ޝިމާޒް އަލީ 'ސަން' އަށް ވިދާޅުވީ، ކޮލިފައިން މެޗުގެ ޓިކެޓްތައް ވިއްކަން ފަށަން ކުރިން ހަމަޖެހިފައި އޮތީީ މާދަމާ ކަމަށްވީނަމަވެސް ގިނަ ބަޔަކު ޓިކެޓް ގަންނަން ބޭނުންވާތީ މިރޭ ޓިކެޓް ވިއްކަން ފަށަނެ ކަމަށެވެ.

ސިޑިބަރީގެ ޓިކެޓް ވިއްކާނީ ތިން ނަންބަރު ގޭޓުން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
"ވަރަށް ގިނަ ބަޔަކު ޓިކެޓް ގަންނަން އެދެމުންދާތީ މިރޭ 8:00 އިން ފެށިގެން ސިޑިބަރީގެ ޓިކެޓް ސްޓޭޑިއަމުން ވިއްކުމަށް ވަނީ ހަމަޖެހިފައި،" ޝިމާޒް ވިދާޅުވި އެވެ.
ކޮލިފައިން މެޗުގެ ޓިކެޓް ތިން އަގެއްގައި ވިއްކަން ހަމަޖެހިފައިވާ އިރު ސިޑިބަރިން ޓިކެެޓެއް ވިއްކާނީ 50 ރުފިޔާއަށެވެ. އަދި ގޮނޑިބަރިން ދެ އަގެއްގައި ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު އެއީ 100 ރުފިޔާ އަށް އަދި 150 ރުފިޔާ އަށެވެ.
"ސިޑިބަރީގެ ޓިކެޓްތައް ވިއްކާނީ، ގަލޮޅު ދަނޑުގެ މަޖީދީމަގުން ހީނާމާގެއާ ދިމާއަށް ހުންނަ 3 ނަމްބަރު ގޭޓުން. ގޮނޑިބަރީގެ ޓިކެޓް ވިއްކާނީ އޮލިމްޕަހާވީ ދިމާގައި ހުންނަ 2 ނަންބަރު ގޭޓްގެ ޓިކެޓް ކައުންޓަރުން،" ޝިމާޒު ވިދާޅުވި އެވެ.
ޝިމާޒް ވިދާޅުވީ، ރާއްޖެއާއި ގަތަރު ކުޅޭ މެޗަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ޖުމުލަ 9000 ޓިކެޓް ކަމަށާއި އޭގެތެރޭގައި ހިމެނެނީ ގޮނޑިބަރިން 2000 އަދި ސިޑިބަރީގެ 7000 ޓިކެޓް ކަމަށެވެ.