12 Jun 2015, 23:22
ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު އުފެދިފައިވާ ގުޅުން މިހާރު މިވަނީ ދުވަހަކުވެސް ބަދަހި ނުވާވަރަށް ބަދަހިވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގައި ކުރިއަށްދާ ކުންމިން ފެއާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ފާއިތުވި އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން ވަަރަށް ބޮޑަށް ބަދަހިވެފައި ވާކަމަށެވެ.
ދެ ގައުމުގެ އިސްބޭފުޅުން ހިމެނޭ ޖޮއިންޓް ކޮމިޓީ އޮން ޓްރޭޑް އެންޑް އިކޮނަމިކް ކޯޕަރޭޝަންގެ ނަމުގައި ޖޮއިންޓް ކޮމިޓީއެއް އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމާއި އަސްކަރީ ދާއިރާ އާއި އިންފްރާސްޓަރަކްޗާ ތަރައްގީ ކުުރުމުގެ ދާއިރާތަކުން ޗައިނާ އާއި ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަަމަށް ރައީސް ވިދާޅުވި އެވެ.
" ޗައިނާއިން ވަނީ ރާއްޖޭގައި ގެދޮރު އިމާރާތްކުރުމުގެ އިންފްރާސްޓްރަކްޗާ ގާއިމުކުުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދީފައި. އަދި މިނޫންވެސް މުހިއްމު މެގަ ޕްރޮޖެކްޓްތަަކަށް ފައިނޭންސް ކުރުމާއި ޗައިނާގެ ބޭންކުތަކުން އެހީތެރިވެދޭ. އަދި މެގަ ޕްރޮޖެކްޓްތައް ހިންގުމަށް ވެސް ޗައިނާގެ ކުންފުނިތަކުން ވެސް މެގަ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވެދޭނެ،" ރައީސް ޔާމިން ވިދާޅުވި އެވެ.
ރާއްޖޭގެ އިޖްތިމާއި އަދި އިގްތިސާދީ ތަރައްގީގައި ޗައިނާއިން ވަަރަށް އިސްރޯލެއް އަދާކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ 50 އަހަރުކުރިން ރާއްޖެއަށް މިނިވަންކަން ލިބުނުއިރު ރާއްޖެއަކީ ދުނިޔޭގެ އެއްމެ ފަގީރު އެއް ގައުމު ކަމަށާއި އެހެންނަމަވެސް މިހާރު އެންމެކުޑަކޮށް ތަރައްގީެވފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ޕްރޮމޯޓްވެފައިވާކަމަކީ ފަޚުރުވެރިވާ ކަަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި ކާމިޔާބީ ރާއްްޖެއިން ހޯދާފައި ވަނީ ރާއްޖެއާއި އެކުވެރި ޗައިނާ ފަދަ ގައުމުތަކާއި ސާކުގެ އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާއި އެކު ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގައުމީ ދާރުސް އާސާރާއި ފޮރިން މިނިސްޓްރީ ފަދަ އިމާރަތްތަކަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރަތްކޮށްފައިވާ ތަންތަން ކަމަށް ރައީސް ވިދާޅުވި އެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޔުނާން ޕްރޮވިންސްގެ ކުންމިންގައި ކުރިއަށްދާ ފެއާއަކީ ސައުތުއޭޝިއާ އާއި ޗައިނާ އާއި ދެމެދު އޮންނަ ގުޅުންބަދަހިކޮށް ވިޔަފާރި ފުރުސަތުތަކާއި ބެހޭގޮތުން ބާއްވާ ފެއާއެކެވެ.