ސަތޭކަ ފަންސާސް މީހުންގެ އަމާޒާއެކު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީއާ އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން މޯލްޑިވިއަން ބުލަޑު ސާވިސްގެ ކުލިނިކަލް ނާސް ގުލިސްތާނު އީސާ "ސަން" އަށް ވިދާޅުވީ، އެ ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ލޭހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން އެ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިއަދުގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި އެންމެ ފުރަތަމަ ލޭ ހަދިޔާ ކުރެއްވީ އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ.

އިސްލާމިކް މިނިސްޓަރު ޒިޔާދު މިއަދު ލޭ ހަދިޔާ ކުރައްވަނީ: ފޮޓޯ/ ހެލްުތު މިނިސްޓުރީ

ގުލިސްތާނު ވިދާޅުވީ، މިއަދުގެ އިރުއޮށްސި ހައެއް ޖަހަންދެން ކުރިއަށް ގެންދާ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި 150 ފަރާތަކުން ލޭ ހަދިޔާ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ލޭ ހަދިޔާ ކުރުމަކީ ކޮންމެ ދުވަހަކުވެސް ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އަދި އައިޖީއެމްއެޗަށް ވަޑައިގެން ވެސް ކުރެއްވޭނެ ކަމެއް. އަބަދުވެސް ދާއިމީ ގޮތެއްގައި އަޅުގަނޑުމެން ލޭ ބޭނުންވޭ،" ގުލިސްތާނު ވިދާޅުވި އެވެ.