14 Jun 2015, 10:14
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެމެރިކާގެ ނިއުޔޯކުގެ ސަލާމަތީ ކަންތައްތައް އެންމެ ވަރުގަދަ ޖަލުން ފިލާފައިވާ ނުރައްކާތެރި ދެ ކުށްވެރިން ފިލުމަށް އެހީތެރިވުމުގެ ގޮތުން ޖަލުގެ އަންހެން މުވައްޒަފެއް ދުނިކީސްތިލަ އާއި ވަޑާންކަށި ފަދަ ތަކެތި އެ މީހުންނަށް ދީފައިވާ ކަން ފަޅާއަރައިފި އެވެ.
ސީއެންއެން އިން ބުނެފައި ވަނީ ޖޮއިސް މިޝޭލް ނަމަކަށް ކިޔާ ޖަލު މުވައްޒަފަކު އެ ދެ ކުށްވެރިންނަށް އިސްކުރު އަނބުރާ ކަށިގަނޑު ފަދަތަކެތި ދީފައި ކަމަށް ކޯޓް ރިކޯޑްތަކުން ދައްކާ ކަމަށެވެ. ކުށް ސާބިތުވެއްޖެ ނަަމަ މިޝޭލް އަށް އަށް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިޝޭލް ވަނީ މިފަދަ ކަަމެއް ނުކުރާ ކަމަށް ބުނެފައެވެ.
ނުރައްކާތެރި މި ދެކުށްވެރިންނަކީ އުމުރުން 48 އަހަރުގެ ރިޗަޑް މެޓް އާއި 34 އަހަރުގެ ޑޭވިޑް ސްވެޓެވެ. ނިއުޔޯކް ޕޯސްޓް ނޫހުން ބުނީ އެ ދެމީހުން ޖަލުން ފިލީ އެ މީހުން ތިބި ގޮޅިތަކުގެ ދަގަނޑު ފާރުތައް ކީހާލައި، އެތަނަށް ގުޅާފައިވާ ހޮޅިތަކަކާއި ޓަނަލް ތަކަކަށް ވަދެގެން، މަގުމަތީގައިވާ ފެން ހިންދާ ވަޅުގަނޑަކުން އަރައިގެން ކަމަށެވެ.
މިޝޭލް އަކީ 'ޚާއްސަ' މީހެއްކަމުގެ އިހްސާސް
ޖަލުން ފިލި އެއް ކުށްވެރިއަކު ކަމަށްވާ މެޓްގެ އަމަލުތައް ހުންނަ ގޮތުން މިޝޭލް އަކީ ޚާއްސަ މީހެއް ކަމުގެ އިހްސާސް ކުރެވޭ ކަަމަށް މިޝޭލް ބުނި ކަމަށް ތަހުގީގާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ބުނެފައެވެ. އަދި މިޝޭލް އާއި މެޓް އާއި ދެމުދު އޮތީ ލޯބީގެ ގުޅުމެއްތޯ ވެސް ބަލަމުންދާ ކަމަށް ސީއެންއެންއިން ބުނެ އެވެ. މި ޝޭލްގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ ހަމަ އެ ޖަލުގެ މެެއިންޓަނަންސްގައެވެެ. އޭނާ އާއި އެ ކަމާ ބެހޭ ސުވާލު ކުރި ނަަމަވެސް އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. މިޝޭލްގެ ފޯނު ބޭނުންކޮށްގެން، ފިލި ދެކުށްވެރިން ފޯނުކޯލްތަކެއް ކޮށްފައިވާ ކަމަށް ވެސް ސީއެންއެންއިން ބުނެ އެވެ. އަދި އަންހެނުން ކުށްވެރިން ފިލުމަށް އެހީތެރިވެދީފައިވާ ކަން އެނގުމުން އޭނާއަަށް ރޮވުނު ކަމަށް ވެސް މިޝޭލް ފިރިމީހާގެ ރަހުމަތްތެރިއަކު ސީއެންއެންއަށް ބުންޏެވެ.
އެ މީހުންނާ ބެހޭ މައުލޫމާތެއް ދޭ މީހަކަށް 100،000 ޑޮލަރުގެ އިނާމެއް ދޭނެކަމަށް އެ ސްޓޭޓްގެ ގަވަރުނަރު އެންޑްރޫ ކޫމޫ ވަނީ ވިދާޅުވެފައެވެ.
ދެ ކުށްވެރިން ހޯދުމުގެ މަސައްކަތުގައި 800 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާ ކަމަށް ސީއެންއެންއިން ބުނެއެވެ.