އިންތިހާބާބެހޭ ގާނޫނުގައި މައްސަލަތަކެއް އެބަ ހުރި ކަމަށާއި އެ މައްސަލަތައް ހައްލުކޮށް، އިންތިހާބާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެވެބްސައިޓްލޯންޗު ކުރުމަށް ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ، އިންތިހާބާ ބެހޭ ގާނޫނުތައް އަދި ފުރިހަމަ ނޫންކަން ވޭތުވެދިޔަ ތަނުގައި ބޭއްވި ރިޔާސީ އިންތިހާބުތަކުން އެނގުނު ކަމަށެވެ.

"މި ގާނޫނުން މައްސަލަތަކެއް އަޅުގަނޑުމެންނަށް ވޭތުވެދިޔަ އިންތިހާބުތަކުގައި ފާހަގަކުރެވުނު. އީސީން މިހާރު ވަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަޝްވަރާކޮށް، ގެންނަންޖެހޭ ބަދަލުތަކުގެ ކަރުދާސްތައް ތައްޔާރުކޮށް އޭޖީއަށް ހުށަހަޅާފައި. އަޅުގަނޑު އުންމީދު ކުރަނީ މި ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް އައިސް ގާނޫނު އިސްލާހުވާނެ ކަމަށް،" އޭޖީ އަނިލް ވިދާޅުވި އެވެ.

އެޖީ ވިދާޅުވީ ދިވެހިރާއްޖޭގެ އެކިއެކި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު އިންތިހާބުތަކާބެހޭ ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި ހަމަ އެއާއެކު އިންތިހާބުތަކާ ގުޅިގެން ނުކުތް އެކިއެކި މައްސަލަތަކާ ގުޅިގެން ގާނޫނަށް ކަންކަން އިތުރުކުރަންޖެހޭ ކަމަށް އޭޖީ އަނިލް ވިދާޅުވި އެވެ.

"އެގޮތުން ވޯޓު ވިއްކުމުގެ ވާހަކަ ގިނައިން ދައްކާ، އެފަދަ މައްސަލަތައް ހައްލުކޮށް، މީހުން ހޭލުންތެރި ކުރުމަށް، އަދި އެފަދަ ކަންކަން ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާނޫނުތަކަށް އިތުރުކުރަންޖެހޭ،" އޭޖީ އަނިލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެވެބްސައިޓަށްމީގެކުރިން ދިމާވާ މައްސަލަތަކުގެ ތެރޭގައި ސައިޓް ސްލޯވުމާއި، ހުއްޓުން އަދި މޮބައިލް ފޯނުތަކުންސައިޓަށްނުވަދެވުން ހިމެނެ އެވެ.

ނަމަވެސް އަލަށް ފަރުމާކޮށްފައިވާ ވެބްސައިޓުގައި އެ ވެބްސައިޓު މެދުވެރިކޮށް އިންތިހާބުތަކާ ބެހޭ ހުރިހާ މައުލޫމާތުތަކާއި އެހެނިހެން މައުލޫމާތު ލިބޭނެ އެވެ.