16 Jun 2015, 10:04
މިޔަމީ (ޖޫން): 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރުމުގެ ކޭންޕޭން ކެލިފޯނިޔާގެ ގަވަރުނަރު ޖެބް ބުޝް ފައްޓަވައިފި އެވެ.
މި ކެންޕޭން ފެށުމުގެ ގޮތުން މިޔާމީގައި އިއްޔެ ބޭއްވި ހަފްލާގައި ޖެބް ބުޝް ވަނީ އެމެރިކާގެ ވެރިކަމުގެ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލައި ކަންކަން އިސްލާޙް ކުރެވޭނެ ޝަޚްސިއްޔަތަކީ އޭނާކަމަށް ސިފަކުރައްވާފައެވެ.
ޖެބް ބުޝް އަކީ އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ކޮށްކޯފުޅެކެވެ. އަދި އޭނާއަކީ އެމެރިކާގައި ކުރިން ވެރިކަން ކުރެއްވި ޖޯޖް ބުޝްގެ ދަރިކަލެއްވެސް މެއެވެ.
ނަމަވެސް ޖެބް ބުޝް ވަނީ، އޭނާގެ ބައްޕައާއި ބޭބެގެ ވެރިކަމުގައި އެމެރިކާއަށް ކުރިމަތިވެގެންދިޔަ މައްސަލަތަކާ އޭނާއާ ގުޅުންނެތްކަން ދޭހަވާފަދަ އިބާރާތަކުން ވާހަކަ ދައްކަވާފައެވެ.
ޖެބް ބުޝް އަކީ 2016 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ ރޭހުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢްލާން ކުރެއްވި 11 ވަނަ ކެންޑިޑޭޓެވެ.
މި 11 ކެންޑިޑޭޓުންގެ ތެރޭގައި ވިސްކިންސަންގެ ގަވަރުނަރު ސްކޮޓް ވޯލްކަރ އާއި ފްލޮރިޑާގެ ރިޕަބްލިކަން ސެނެޓަރ މާކޯރަބީން ހިމެނިވަޑައިގަންނަވައެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢްލާންކުރައްވާފައިވާ އެންމެ މަޝްހޫރު ކެންޑިޑޭޓަކީ ހިލަރީ ކްލިންޓަން އެވެ. (ބީބީސީ)