16 Jun 2015, 12:17
ޓީވީއެމްގެ ވަޒީފާއިން ވަކިކުރި ނޫސްވެރިޔާ، ނަސްރުﷲ އަބްދުލް ހާދީއަށް އަލުން ވަޒީފާ ދިނުމަށް ޕަބްލިކް ސާވިސް މީޑިއާގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ ނިންމި ނިންމުމުގައި ވަނީ އައްޑޫ ސިޓީގެ ޓީވީއެމް ބިއުރޯގައި މަސައްކަތް ކުރަމުންދަނިކޮށް ނަސްރުﷲ މަސައްތަށް ރުޖޫއަނުވެގެން އިސްލާހީ ފިޔަވަޅު އަޅާފައި ވަނީ އޭނާ ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާގީ މިންގަނޑުތަކަށް ތަބާނުވެގެން ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ.
އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެއްލެވި މެމްބަރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.
އެމްއެންބީސީގެ މުވައްޒަފުންނަށްދޭ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތަކުގެ ގަވާއިދުގެ ދަށުން ރާއްޖެތެރޭ ރަށެއްގައި ހުންނަ މުވައްޒަފަކަށް މަހަކު ދޭންޖެހޭ 3000 ރުފިޔާ އާއި ކޮއްތުގެ ގޮތުގައި މަހަކު ދޭންޖެހޭ 1،800 ރުފިޔާއާ އެކު 21 މަހަށް ޖުމްލަކޮށްޖެހޭ 100800 ރުފިޔާ އޭނާއަށް ދިނުމަށް ވަނީ އަމުރުކޮށްފައެވެ.
"... ނަސްރުﷲ އަބްދުލް ހާދީ ކުރިންއަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގަައި ނުވަތަ އެފެންވަރުގެ އެހެން ވަޒީފާއެއްގައި އަލުން ބެހެއްޓުމަށާއި، އޭނާ އަކީ އެއްވެސް ހާލެއްގައި ވަޒީފައިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، އެނާގެ ވަޒީފާއާ ބެހޭ އެންމެހައި ކަންތައްތައް ހަމަޖައްސައި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން ދެ މަސް ދުވަހުގެ ނޯޓިސްގެ ގޮތުގައި ދީފައިވާ ފައިސާ އުނިކުރުމަށްފަހު ޖެހޭ ފައިސާ 15 ޖޫން 2015 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިނުމަށްފަހު އެކަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ޕަބްލިކް ސާވިސް މީޑިއާ އަށް އަންގައި އަމުރުކުރަމެވެ،" ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.