16 Jun 2015, 17:34
ގާހިރާ (ޖޫން 16) : އަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރު ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެއް ގާހިރާގެ ޖިނާއީ ކޯޓުން މިއަދު އިއްވައިފި އެވެ.
މިޙުކުމް އިއްވީ މުރުސީގެ ވެރިކަމުގައި ހުންނަވައިގެން ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށާ އަދި އީރާނަށް ޖާސޫސްކޮށް ދިންކަން ސާބިތުވުމާގުޅިގެން ކަމަށް ގާހިރާގެ ޖިނާއީ ކޯޓުން އިއްވި ޙުކުމް ބުނެއެވެ.
އެ މައްސަލާގައި ޑރ. މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލް މުސްލިމޫން ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ޑރ. މުހައްމަދު ބަދީއުގެ މައްޗަށް ވެސް އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވި އެވެ. މުރުސީގެ މައްޗަށް މީގެ ކުރިން ވަނީ މަރުގެ ހުކުމެއް ވެސް އިއްވާފަ އެވެ. އެއީ ވާދީ ނަތްރޫން ޖަލުން ބަޔަކު ފިލުވި ކަމަށްބުނާ ކުށެއް އޭނާގެ މައްޗަށް ސާބިތުވެގެންނެވެ.
މީގެ އިތުރުން މުރުސީގެ މައްޗަށް ވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނަށް ހަމަލާދިނުމަށް އަމުރު ކުރެއްވި ކަމަށްބުނާ މައްސަލައެއް ސާބިތުވެގެން 20 އަހަރަށް ޖަލަށްލުމުގެ ޙުކުމެއް ވެސް ގާހިރާގެ ޖިނާއީ ކޯޓުން އިއްވާފަ އެވެ.
މުރުސީގެ އިތުރުން އިޚްވާން ޖަމާއަތުގެ އިސް ގިނަ ލީޑަރުންގެ މައްޗަށްވަނީ އެތަށް މައްސަލަތަކެއްގައި މަރުގެ ހުކުމްތަކާއި އުމުރަށް ޖަލަށްލުމުގެ ހުކުމްތައް އިއްވާފަ އެވެ. މަރުގެ ހުކުމް އިއްވާފައިވާ އިޚްވާން ޖަމާއަތުގެ ލީޑަރުންގެ ތެރޭގައި ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ބޮޑެތި އިސްލާމީ ދަންނަބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސަރ ޑރ. ޔޫސުފް އަލްގަރްޟާވީ ވެސް ހިމެނިވަޑައިގަންނަވައެވެ. ގަރްޟާވީ ދިރިއުޅުއްވަނީ ގަތަރުގައެވެ.
މުރުސީ މިސްރުގެ ރައީސް ކަމުގައި ހުންނަވަނިކޮށް އޭރުގެ ދިފާއީ ވަޒީރު އަބްދުލްފައްތާޙް އައްސީސީ އަސްކަރީ އިންގިލާބެއް ގެންނަވައި މުރުސީގެ ވެރިކަން ވައްޓާލާފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތުބެއްގަ އެވެ.
މި އިންގިލާބު ގެނައުމަށް ސީސީ އިސްކޮށް ހުންނަވައިގެން މިސްރު ސިފައިން ހިންގި އަނިޔާވެރި އަމަލުތަކުގައި މިސްރު ރައްޔިތުންގެ 3800 މީހުން ދެދުވަހުގެ ތެރޭގައި މަރާލާފައިވެއެވެ. އަދި އެއަށްފަހު ކުރިޔަށްދިޔަ އިންތިގާލީ މަރްހަލާގައާއި މިސްރުގެ ވެރިކަމާ ސީސީ ހަވާލުވެ ވަޑައިގެންނެވިފަހުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ދެހާހަށްވުރެ ގިނަމީހުން މަރާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ޖަރީމާއެއް ބަލައި ތަހްގީގް ކުރުމުގެ މަސައްކަތް މިސްރުގެ އެއްވެސް އިދާރާއަކުން ކޮށްފައެއް ނުވެއެވެ.
ވެރިކަމުން ދުރުކުރުމަށްފަހު މިއަދާ ހަމައަށް ވެސް މުރުސީ ހުންނަވަނީ އަސްކަރީ ޖަލެއްގައި ބަންދުކޮށްފައެވެ. އަދި މުރުސީ ނިސްބަތްވެވަޑައިގަންނަވާ މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުގެ ކޯޓަކުން ވަނީ ހުކުމް ކޮށްފައެވެ. (ނޫސްއެޖެންސީތައް)